ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް ބޭނުންފުޅުވާ ތަރައްޤީގައި ފުލުހުންގެ ދައުރު ބޮޑު: ވަޒީރު ޣައްސާން

26 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ޣައްސާން މައުމޫން (ފޮޓޯ/ ފުލުހުންގެ ޚިދުމަތް)

ދިވެހި ރައްޔިތުން އެދޭ ގޮތަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖެއަށް ގެންނަވަން މަސައްކަތްކުރައްވާ ތަރައްޤީ ހޯދުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދައުރު ވަރަށް ބޮޑު ކަމަށް ދިފާޢީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ދ. ވާނީގައި ބޭއްވި، ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދިވެހި ފުލުހުންގެ ޒިންމާތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ވަޒީރުުގެ ވާހަކަފުޅު ފެއްޓެވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ތެރެއިން ތަރައްޤީވެފައިވާ އެކުވެރި ޤައުމުތަކުން ފާހަގަކުރެވޭ ސިފަތައް ފާހަގަކުރައްވަމުންނެވެ.

"އިރުމަތިން މިސާލަކަށް ސިންގަޕޫރަށް ހުޅަނގުން މިސާލަކަށް އެކުވެރި އަރަބި ދައުލަތްތަކަށް ޔޫއޭއީއަށް ބަލާލިކަމުގައި ވިޔަސް، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސިފަތަކެއް މިފަދަ ގައުމުތަކުގައި އެބަހުރި. މިނިވަންކަން، މުސްތަގިއްލުކަން، އަމަން އަމާންކަން ގާއިމުވެފައި އޮތުން، އަދުލު އިންސާފު ޤާއިމުވެފައ އޮތުން، ވަކިވަކި ފަރުދުންނާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތުން،" ވަޒީރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އެކަންކަން ދެމެހެއްޓުމަކީ ވަޒީރު ވިދާޅުވި ގޮތުގައި، ޤާނޫނު އަސާސީން ފުލުހުންނާއި މަތިކޮށްފައިވާ ޒިންމާ އެކެވެ. ވަޒީރު ވިދާޅުވީ އެކަމާ މެދު ވިސްނާލުމުން ވެސް ރާއްޖެއަށް ރައީސް ހޯއްދަވަން މަސައްކަތްކުރައްވާ ތަރައްޤީ ގެނައުމުގައި ފުލުހުންގެ ދައުރު ބޮޑުކަން އެނގިގެންދާ ކަމަށެވެ.

"މިކަމަށް ވިސްނާލުމުން އަޅުގަނޑުމެންނަށް ދޭހަވެގެންދަނީ  ދިވެހިރާއްޖެއަށް ހޯއްދަވަން މި މަސައްކަތްޕުޅުކުރައްވާ ތަރައްޤީ ހޯއްދަވައިދެއްވުމުގައި ދިވެހި ފުލުހުންގެ ދައުރުގެ ފުޅާމިން. އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ހޯއްދަވަން ވިޔަސް، އިޖްތިމާޢީ ފޭރާން ހަރުދަނާކުރައްވަން ވިޔަސް، މިހުރިހާ މަސައްކަތްޕުޅެއްގެ ހަޤީޤީ މޭސްތިރިންނަށް ވާނީ އަބަދުވެސް ދިވެހި ފުލުހުން،" ވަޒީރު ވިދާޅުވި އެވެ.

ދިވެހި މުސްތަޤްބަލު އުޖާލާވެގެންދާނީ ވަޒީރު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއަކީ ސުލްހަ މަސަލަސްކަން ދެމިއޮންނަ، އަމާން ވެއްޓެއް ގާއިމުވެފައިވާ ގައުމަކަށް ހެދުމަށް ފުލުހުން މަސައްކަތްކޮށްގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު