ENGLISH
22 އޭޕްރީލު 2025
ފުލުހުން ދޭ ޚިދުމަތް މިންކުރާ ގޮތް މި އަހަރު މަތިވާނެ: ވަޒީރު އިހްސާން
26 ޖެނުއަރީ 2025
|
ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި. --ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ރައްޔިތުންނަށް ދިވެހި ފުލުހުންގެ ފަރާތުން ދެމުންދާ ޚިދުމަތް މިންކުރާ ގޮތް މި އަހަރު މަތިވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންްނިޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ދ. ވާނީގައި ބޭއްވި، ފުލުހުންގެ 38 ވަނަ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ފުލުހުންގެ ކިބައިން ރައްޔިތުން ގިނަ ކަންތައްތަކެއް އެދޭ ކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، ފުލުހުންގެ ފަރާތުން ލިބެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި އަވަސްކުރުމަށް ރައްޔިތުން އެދޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ނިމިދިޔަ އަހަރަކީ، ވަޒީރު ގަބޫލުކުރައްވާ ގޮތުގައި ފުލުހުންނަށް ރަނގަޅަށް ޚިދުމަތް ދެވުނު އަހަރެކެވެ. އެހެންކަމުން މި އަހަރަކީ އެއަށް ވުރެ ރަނގަޅަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރަން ޖެހޭ އަހަރެއް ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި އަހަރު ފުލުހުންގެ ޚިދުމަތް މިންކުރާ ގޮތް ވެސް އެއާއެކު މަތިވެގެންދާނެ ކަމަށެވެ.
""ތިޔަ ފުލުހުންގެ ފަރާތުން އެ އޮތް އެކްސްޕެކްޓޭޝަންގެ ބާ މިދިޔަ އަހަރަށް ވުރެ މިއަހަރު މަތިވާނެ. އެންމެހާ ފުލުހުންގެ ޚިދުމަތުގައި މިންކުރެވިގެންދާ ގޮތް މިދިޔަ އަހަރަށް ވުރެ މަތިވާނެ. މި ޗެލެންޖު އެކްސެޕްޓުކޮށްގެން ރައްޔިތުން އެދޭ ފަދަ ޚިދުމަތެއް ދިނުމަށް އަތުކުރި އޮޅާލައިގެން މިރޭ މިނިމިގެންދާ ކުދިން ސަފުތަކާ ގުޅިގެން ދިއުމަކީ އަޅުގަނޑުގެ އެދުން."" - ދާޚިލީ ސަލާމަތާއި ފަންްނިޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
މީގެ އިތުރުން، ހިތް ނޭދޭ ގޮތަކަށް ކަމެއް ހިނގައި ދިޔަ ނަމަވެސް ރަނގަޅު ފެންވަރެއްގެ ހިދުމަތް ދިނުމަށް ކޮންމެ ފުލުހަކު ވެސް އަޒުމް ކަނޑައަޅުއްވަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ މުޅި ރާއްޖެއަށް ފުޅާކުރަމުންދާ ހިދުމަތަކަށްވާއިރު، ހިތް ނޭދޭ ތަނެއްގައި ވެސް ހުރެގެން މަސައްކަތް ކުރަންޖެހިދާނެ ކަން ފާހަގަކުރައްވަމުން ނެވެ.
ވަޒީރު ވަނީ ރާއްޖޭގައި ފުލުހުން ދެމުން އަންނަނީ އުނދަގޫ ޚިދުމަތެއް ކަމަށާއި ކޮންމެ ތަނެއްގައި ޑިއުޓީކުރަން ޖެހުނަސް އެންމެ ރަނގަޅަށް ޚިދުމަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ގާއިމްކުރަމުންދާއިރު މި އަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމްވެގެންދިޔުމަކީ އަމާޒެއް ކަމަށާއި އެތަންތަނަށް ފުލުހުން ޑިޕްލޮއި ކުރެވޭނެ ކަމަށްވެސް ވަޒީރުގެވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފުލުހުން ކުރަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހަތަރު މަސައްކަތެއް ވަޒީރު ވަނީ ފާހަގަކުރައްވާފަައެވެ. އެގޮތުން ރާއްޖެއިން ޑްރަގްސް ނައްތާލުމާއި ގޭންގް ހަދައިގެން ކުށްކުރާ މީހުން ހުއްޓުވުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމާއި ކުށުގެ ވެއްޓަށް ހުށައެޅިފައިވާ އަދި ހުށައެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް، ތަމްރީނު ހޯދުމަށް ފަހު ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅޭ ފުލުހުންގެ ކިބައިން ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގައި މި އަހަރު 127 ދަރިވަރުންވަނީ ބައިވެރިވެ ސަނަދު ޙާސިލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ 37 އަންހެނުންނާއި 90 ފިރިހެނުންނެވެ. މި ރަސްމިއްޔާތުގައިވަނީ އެކި ސްކޮޑްތަކުން ވަނަވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ދެއްވާފައެވެ.