ENGLISH
22 އޭޕްރީލު 2025
ޤަވާޢިދާ ޚިލާފަށް އުޅުނު 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
25 ޖެނުއަރީ 2025
|
އިމިގްރޭޝަނުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ޤަވައިދާ ޚިލާފަށް އުޅުނު 13 ބިދޭސީން ވަނީ އަތުލައިގެންފައި.
ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުން އައި 13 ބިދޭސީން ހިފަހައްޓައި، މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ، ޖަނަވަރީ 23 ވަނަ ދުވަހު އިމިގްރޭޝަންގެ ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، ޢާއްމު ސިއްޙަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅޭ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށް 13 ބިދޭސީ އަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން މަސައްކަތްކުރަމުން ދިޔައީ "ފިންގަރ ޕްރިންޓް ކެފޭ" ނަމަކަށް ކިޔާ ތަނެއްގަ އެވެ. އިމިގްރޭޝަނުން ޢާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ، ގިނަ ޢަދަދެއްގެ ބިދޭސީން ސާފުތާހިރުކަން ކުޑަ އެތަނުގައި ކައްކައި ޢާއްމުންނަށް ޚިދުމަތް ދިނުމަށް ކާނާ ތައްޔާރުކުރާ ތަނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސްކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަންނަނީ ހައްލު ހޯއްދަވަމުންނެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ޚިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކޮށްފަ އެވެ.
އިމިގްރޭޝަން ވޮޗް އަށް ލިބޭ މަޢުލޫމާތަށް ބަލައި ހިންގާ އޮޕަރޭޝަންތަކުގައި ޑީޕޯޓްކޮށްލާފައިވާ ބިދޭސީންގެ ތެރޭގައި، ސައްޙަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި ޖިނާއީ ބޮޑެތި ކުށްތަކުގައި ބައިވެރިވާ ބިދޭސީން ވެސް ހިމެނެ އެވެ.
ރައީސް ޑރ. މުޢިއްޒުގެ އިރުޝާދުގެ ދަށުން ބިދޭސީންގެ މައްސަލަ ހައްލުކުރަމުންދާއިރު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.