ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ޚާރިޖީ ގުޅުމުގެ ދާއިރާއަކީ މުހިންމު ދާއިރާއެއް: މިނިސްޓަރ ޚަލީލް

25 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމަކަށް ޚާރިޖީ ގުޅުމުގެ ދާއިރާއަކީ މުހިންމު ދާއިރާއެއް ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިފަދައިން ވިދާޅުވީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އިން މިއަދު ހަވީރު ބޭއްވި މޮޑެލް ސާކް ސަމިޓް 2025 ގެ ޝަރަފްވެރި މެހެމާންގެ ހައިސިއްޔަތުން ދަރިވަރުންނާ މުޚާތަބުކުރައްވަމުންނެވެ.

މި އިވެންޓްގައި ވާހަަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތައުލީމަކީ އުންމީދީ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. ދަރިވަރުންގެ ނުގުޑާފަދަ އަޒުމަކީ ދުނިޔޭގެ ކުރިމަގު ބައްޓަން ކުރުމަށް ވެސް އެހާމެ މުހިންމު ނުކުތާއެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދަރިވަރުންގެ އުފެއްދުންތެރިކަމާއި ތޫނުފިލިކަމަކީ ދަރިވަރުންގެ އިތުރުން މުޅި މުޖުތަމައުގެ ކުރިމަގު އުޖާލާކޮށްދޭނެ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ބަވަނަވަމުންދާ ދުނިޔެއެއްގައި ޚާރިޖީ ގުޅުންތަކަށް ފަރިތަވުމަކީ ފައިދާހުރި ކަމެއް ކަމަށެވެ. އެއާއެކު، މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އެނގިވަޑައިގަންނަވާ ލީޑަރުން ކަަމަށެވެ.

އަހްމަދިއްޔާ ސްކޫލުގެ ދަރިވަރުން އިންތިޒާމްކުރި މޮޑެލް ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގައި އެ ސްކޫލުގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މޮޑެލް ސާކް އިވެންޓަކީ ދެކުނު އޭޝިއާގެ ގައުމުތައް ހިމެނޭ ޖަމިއްޔާއިން ކޮންމެ އަހަރަކުވެސް ބާއްވާ ސަމިޓް ނަމޫނާއަކަަށް ބަލައިގެން އަހްމަދިއްޔާ ސްކޫލުން ކުރިއަށްގެންދިޔަ އިވެންޓެކެވެ. އެ ސްކޫލުން ބުނީ މި އިވެންޓްގައި ޑިޕްލޮމެޓިކް ދާއިރާގެ ބަހުސްތަކަަށް އަލިއަޅުވާލާފައިވާ ކަމަށެވެެ.

މީގެ އިތުރުން ސަރަހައްދީ ފެންވަރުގެ އެކި އެކި މަޢުޟޫތަކާއި މައްސަލަތަކާއި ގުޅޭގޮތުންވެސް ދަރިވަރުން ބަހުސްކޮށްފައިވާ ކަމަށް އަހްމަދިއްޔާ ސްކޫލުން މައުލޫމާތުދިނެވެ.

ކިޔުންތެރިންގެ ހިޔާލު