ENGLISH
22 އޭޕްރީލު 2025
މީޑިޔާތަކުން ގެނެސްދޭ ކޮންޓެންޓަކީ އިޖުތިމާޢީ ފޭރާން ރަނގަޅުކުރާ އެއްޗަކަށް ހަދަން ޖެހޭ: މެޑަމް ސާޖިދާ
25 ޖެނުއަރީ 2025
|
މީޑިޔާތަކުން ގެނެސްދޭ ކޮންޓެންޓަކީ ހީނަރުވަމުންދާ އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް އާރޯކަން ގެނައުމަށް ތައްޔާރުކޮށް، ގެނެސްދޭ އެއްޗަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން "ވިޝަން އޮފް ދަ ފިއުޗަރ" ގެ ނަމުގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި މެޑަމް ސާޖިދާ ވަނީ ނޫސްތަކުން ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރުމަށް ގޮވާލައްވާފަ އެވެ.
"މިއަދު ހުރިހާ މީޑިޔާތަކަށް އަޅުގަނޑު ގޮވާލަނީ ޒިންމާދާރުކަމާއެކު ކަމަށްކަމޭހީކޮށް މީޑިތާތަކުގެ މަސައްކަތްތަކާއި ނޫސްވެރިކަން ކުރެއްވުން. އޭގައި ބޭނުންކުރާ ކޮންޓެންޓަކީ ބަހުގެ ހަމަތަކާ އެއްގޮތަށް ތައްޔާރުކުރެވޭ އެއްޗަކަށް ހެއްދެވުމަށް. އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ މި ހީނަރުވަމުންދާ އިޖުތިމާޢީ ފޭރާން ރަނގަޅުކޮށް އާރޯކަން ގެނައުމަށް ތައްޔާރުކޮށް ގެނެސްދޭ އެއްޗަކަށް ހެއްދެވުން،" މެޑަމް ސާޖިދާ ވިދާޅުވި އެވެ.
ދިވެހި ކުޑަކުދިން އަލުން ޓީވީ އަދި ރޭޑިއޯގެ ބައިވެރިންނަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޤައުމެއްގެ ނިސްބަތުން ޓީވީ އަދި ރޭޑިއޯ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް ވިސްނިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އެކަމަނާ ފާހަގަ ކުރެއްވި އެވެ. އަދި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ގެނެސްދޭ ރޭޑިއޯ އަދި ޓީވީގެ ޕްރޮގުރާމްތައް އަޑުއެހުމަށް ބާރުއެޅުމަށް ބެލެނިވެރިނަށް އެކަމަނާ އިލްތިމާސްކުރެއްވި އެވެ. އޭގެ ސަބަބުން އެކުދިންގެ ކަންފަތްތައް އަމިއްލަ މާދަރީ ދިވެހި ބަހަށް ހޭނި އެ ބަހަށް ލޯބިކުރާނެ ކަމަށް ވެސް މެޑަމް ސާޖިދާ ފާހަގަ ކުރެއްވިއެވެ.
"ގައުމެއްގެ ނިސްބަތުން ރޭޑިއޯ އަދި ޓީވީ އަދާކުރާ ދައުރު ފަހުގެ ޖީލުތަކަށް އެނގި ވިސްނިފައި އޮތުމަކީ އެހާމެ ބޭނުންތެރިކަމެއް. އެ ވިސްނުމާއި އެ ފިކުރާ، އެކަމުގެ ޢިލްމު ކުޑަކުދިންނަށް ފޯރާ، މިކަމަށް ފަރިތަ ޒުވާނުން ބިނާވުމަކީ މާދަމާއަށް ކުރެވޭ އުއްމީދު. ސަބަބަކީ ބްރޯޑްކާސްޓިންއަކީ ވެސް އަމާނާތެއް. ވަރަށް ބޮޑު ޤައުމީ އަމާނާތެއް. ޤައުމުގެ މަސްލަޙަތު ހިމާޔަތްކުރުން، ދީނާއި އަޚްލާޤާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ބްރޯޑްކާސްޓިން ދާއިރާގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ އެކަމަނާ ވިދާޅުވީ އަލަށް ތަޢާރަފުވި ސޯޝަލް މީޑިޔާތަކުގެ އެކި ވަސީލަތްތަކާއެކު ވެސް ރޭޑިއޯ އަދި ޓީވީ "ވަޅުޖެހެމުން" ނުދާ ކަމަށެވެ. އެހެން ކަމުން މި ދާއިރާގެ މުހިންމުކަން ސްކޫލު ދަރިވަރުންނަށް ވިސްނަދިނުމަށް އެކި ހަރަކާތްތައް ބޭއްވުމަކީ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"ފޭސްބޫކް، ޔޫޓިޔުބް، ޓިކްޓޮކް، އެތައް މަންސައެއް މިހާރު ކިތަންމެ ހަރަކާތްތެރިކޮށް ފެނުނަސް، ރޭޑިއޯ އަދި ޓީވީގެ ދައުރު އެ މަންސަތަކަކަށް އަދައެއް ނުކުރެވޭ. އެހެންވީމަ ޓީވީ، ރޭޑިއޯއަކީ އެ ޒަމާނުގެ ވެސް އެއްޗެއް އަދިއެހެންމެ މި ޒަމާނުގެ ވެސް އެއްޗެއް،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މި ރަސްމިޔާތުގައި "ވިޝަން އޮފް ދަ ފީޗަރ"ނަމުގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ ވަނަ ވަނައަށް ހޮވުނު ދަރިވަރުންނަށް މެޑަމް ވަނީ އިނާމުހަވާލުކޮށްދެއްވައިފަ އެވެ.