ENGLISH

22 އޭޕްރީލު 2025

Advertisement

މާލޭގައި ފެންބޮޑުވުމުން ސިފައިން ނުކުމެ އެހީތެރިކަން ފޯރުކޮށްދީފި

25 ޖެނުއަރީ 2025

|

ޢަލީ ޝަހީމް

މާލެ އަށް މިއަދު މެންދުރު ފަހު ވެހުނު ވާރެއާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ. ފޮޓޯ: އެމް.އެން.ޑީ.އެފް

މިއަދު މެންދުރު މާލެ އަށް ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތުގައި ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ. 

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވީ ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން، ފެންހިންދުމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވި ކަމަށެވެ. 

މިއަދު މެންދުރު ގާތްގަނޑަކަށް ގަޑިއެއްހާއިރު ވަންދެން މެދުނުކެނޑި މާލެ އަށް ވާރޭ ވެހުނެވެ. ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އާއްމުކޮށް ފެންހެދޭ ސަރަހައްދުގައި ފެންބޮޑުވި އެވެ. 

މާލޭގެ އިތުރުން ކ. މާފުއްޓަށް މިއަދު މެންދުރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އެމް.އެން.ޑީ.އެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ ފެންހިންދުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. 

މާފުއްޓަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އެމް.އެން.ޑީ.އެފް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވަނީ ހުދު ސަމާލު ނެރެފަ އެވެ. މިރޭ 11:00 އާއި ހަމައަށް ނެރުނު ސަމާލުގައި މެޓް އޮފީހުން ވިދާޅުވީ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރާ ކަމަށެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވާފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު