ENGLISH
22 އޭޕްރީލު 2025
ޕީއެންސީގެ އަމާޒު: އަންނަ އަހަރުގެ ނިޔަލަށް އެއްލައްކަ މެމްބަރުން ހަމަކުރުން
25 ޖެނުއަރީ 2025
|
އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެއް ލައްކަ މެމްބަރުން ހަމަކުރުން ކަމަށް އެ ޕާޓީގެ މެމްބަރޝިޕް ކޮމެޓީގެ ޗެއާމަން އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއިލް އެމްއެމްޓީވީއަށް މިއަދު ވިދާޅުވީ ޕާޓީގެ މެމްބަރުޝިޕް އިތުރުކުރުމަށް ހަރަކާތްތަކެއް ރާވާ ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ފަހު ހުޅުވުމާއެކު ޕީއެންސީ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުންނާ އެކު އެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުން ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުގައި ފުއްދަވަމުން ގެންދެވުމާއި މި ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލަގެންފައިވުމެވެ.
"އަންނަ އަހަރުގެ ނިޔަލަށް އެއްލައްކަ މެމްބަރުން ހަމަކުރުމަކީ އުނދަގޫ ކަމަކަށްނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައްޔިތުންގެ ގިނަ ބަޔަކު ތިބީ މި ސަރުކާރު ހިންގާ ގޮތާމެދު ހިތްހަމަޖެހިފައި. އަދި ޕާޓީއަށް ވަންނަން ބޭނުންވާ ގިނަ ބަޔަކު އަދިވެސް އެބަ ތިބި،" އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ރަށްރަށުގައި ތިބި ބައެއް އާއްމުން ޕާޓީއަށް ވަނުމަށް ބޭނުން ވެގެން މެމްބަރޝިޕް ހަރަކާތެއް އެރަށް ރަށުގައި ހިންގަދޭން ޕާޓީގައި އެދެމުންދާ ކަމަށެވެ.
ސައްހަ ނޫން މެމްބަރުންނާއެކު މެމްބަރުޝިޕް އިތުރުކުރާ ވާހަކަތައް ދޮގުކުރައްވައި މުޙައްމަދު އިސްމާޢިލް ވިދާޅުވީ ޕީއެންސީއަށް ވަދެފައިވަނީ އެ ޕާޓީއަށް ވަންނަ އެދިފައިވާ ފަރާތްތަކުން ކަމަށާއި އެއް ލައްކަ މެމްބަރުން ހަމަކުރާނީ ސައްހަ މެމްބަރުންނާއެކު ކަމަށެވެ.
މި ވަގުތު އެންމެ ގިނަ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީއަކީވެސް ޕީއެންސީ އެވެ.
ޕީއެންސީގައި މި ވަގުތު 68،968 މެމްބަރުން ތިބިއިރު ދެވަނަ އަށް އޮތީ، 2023 ގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ވާދަވެރި އެމްޑީޕީ އެވެ. އީސީގެ ވެބްސައިޓުން އެނގޭ ގޮތުގައި އެމްޑީޕީގައި މިހާރު ތިބީ 43،755 މެމްބަރުންނެވެ. ކުރިން އެ ޕާޓީގައި 50،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނެއެވެ.