ENGLISH
22 އޭޕްރީލު 2025
ފުވައްމުލައް ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
25 ޖެނުއަރީ 2025
|
ފުވައްމުލައް ސިޓީގައި ކްރިއޭޓަރ ހަބެއް ޤާއިމުކުރުމަށް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ފުވައްމުލައް ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޟިޔާއު މުޙައްމަދެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤެވެ.
ބީސީސީން ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ކްރިއޭޓަރ ހަބް ޤާއިމް ކުރުމަށް ހަމަޖެހިފައިވަނީ އެ ސިޓީގެ ލޯކަލް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައެވެ.
ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ނުވަތަ ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަކީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ މުހިއްމު ނިންމެވުމެކެވެ. ބީސީސީން މާލޭގައި ޤާއިމްކުރާ ކްރިއޭޓަރ ހަބްގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކްރިއޭޓަރ ހަބްތަކެއް ޤާއިމްކުރުމުގެ މަޤްޞަދަކީ، ރާއްޖޭގެ އެކި އަތޮޅުތަކުގައި ތިބި ފަންނުވެރިންނާއި ވީހާވެސް ގާތުން ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ބީސީސީން ވިދާޅުވެއެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދު ވިދާޅުވީ، އަތޮޅުތަކުގައި ޤާއިމް ކުރެވޭ ކްރިއޭޓަރ ހަބްތަކާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިޔާނުކުރުމަށް ކުރެވޭ މަސައްކަތް ހަލުވި ވެގެންދާނެ ކަމަށެވެ. އަދި ފަންނުވެރިންނަށް ފުރުޞަތުތައް ފަހިވުމާއެކު، ދިމާވާ ދަތިތަކަށް ހައްލު ވެސް ލިބިގެން ދާނެ ކަމަށެވެ.
ރާއްޖޭގައި ފަންނުވެރި އިޤްތިޞާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބީސީސީން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ އިތުރުން ބައެއް ރަށްތަކުގައި ކްރިއޭޓިވް ކޮންފުލުއެންސްތައް ބާއްވައި ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ މަސައްކަތް ބީސީސީން ދަނީ ކުރަމުންނެވެ. އަދި މާލޭގައި ޤާއިމްކުރާ ކްރިއޭޓަރ ހަބުގެ މައި އިމާރާތް، އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.