ENGLISH

22 އޭޕްރީލު 2025

Advertisement

ކުޑަދޮރުން ކުއްޖަކު ފައިބަން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އެދިއްޖެ

25 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: ޑްރީމްސް ޓައިމް

އިމާރާތެއްގެ ކުޑަދޮރުން ބޭރަށް ފޭބުމަށް ކުޑަކުއްޖަކު މަސައްކަތް ކުރާ ވީޑިއޯ ދައުރު ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިވަޑައިގެންފިއެވެ. 

ސޯޝަލް މީޑިއާގައި ރޭ ދައުރުވި މި ވީޑިއޯއިން ފެންނަނީ ކުޑަ ކުއްޖަކު މަޑުމަޑުން ކުޑަދޮރުން ބޭރަށް ފޭބުމަށް މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ. އެ ކުއްޖާ ކުޑަ ދޮރުން ބޭރަށް ފައިބަން އުޅުނީ ހެންވޭރު ބުރެވި މަގުގައި ހުންނަ އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާއިންނެވެ. 

މި ވީޑިއޯ ގިނަބަޔަކު ޝެއާކޮށްފައި ވަނިކޮށް، ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ މި ވީޑިއޯއަށް ފުލުހުންގެ ސަމާލުކަން ލިބިފައިވާ ކަމަށާއި މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

އަދި މި ވީޑިއޯ ދައުރު ނުކުރަމަށް އިލްތިމާސްކޮށް، ފުލުހުން ވިދާޅުވީ މި ވީޑިއޯ ފެނުމުން ކުޑަކުދިންނާއި ވަލްނަރެބަލް މީހުން "ޓްރިގަރ" ވެ އެމީހުން ނުރައްކަލަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި އެ ކުއްޖާގެ އާއިލާއާއި ވީޑިއޯ ފެންނަ މީހުންނަށް ނަފްސާނީގޮތުން އަސަރުކޮށްފާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. 

ފުލުހުންގެ މެސެޖުގައި އެދިވަޑައިގެންފައި ވަނީ މިފަދަ ފުޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު