ENGLISH
05 އޭޕްރީލު 2025
ކަސްޓަމްސް އަށް މިިދިޔަ މަހު އާމްދަނީގެ ގޮތުގައި 301 މިލިއަން ރުފިޔާ ލިބިއްޖެ
25 ޖެނުއަރީ 2025
|
މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ކަސްޓަމްސް ބިލްޑިންގް.
އެންމެ މަޤްބޫލު
މިދިޔަ ޑިސެމްބަރ މަހު އާމްދަނީގެ ގޮތުގައި 301 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސް އިން އާންމު ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 5.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެ ކޮށްފައިވާއިރު، 116 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވެއެވެ. އަދި މިިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 14 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. މިދިޔަ މަހު 1.1 ބިލިއަން ރުފިޔާގެ ކާބޯތަކެތި، 1 ބިލިއަން ރުފިޔާގެ ތެލާއި ގޭހުގެ ބާވަތްތަކާއި 860 މިލިއަން ރުފިޔާގެ މެޝިނަރީ އާއި މެކޭނިކަލް ބާވަތްތައް އެތެރެކޮށްފައިވެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެ ގައުމުން 1.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އެއީ އެ މަހު އެތެރެކުރި ޖުމްލަ މުދަލުގެ 26 އިންސައްތައެވެ. ސިންގަޕޫރުން 925 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 846 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
ރާއްޖެއިން މިިދިޔަ މަހު ބޭރުކުރި މުދަލަށް ބަލާއިރު، އެންމެ ގިނަ އިން ބޭރުކޮށްފައިވަނީ ގިނަ ދުވަހަށް ހުންނާނެހެން ބަންދުކޮށް އަދި ތައްޔާރުކޮށްފައި ހުންނަ ކަނޑުމަހުގެ ބާވަތްތަކެވެ. މިގޮތުން ތައްޔާރުކޮށްފައިހުރި 48 މިލިއަން ރުފިޔާގެ މަސް މިދިޔަ މަހު ބޭރުކޮށްފައިވެއެެވެ. ދެ ވަނައަށް އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި ކަޅުބިލަމަހެވެ. ވިހި މިލިއަން ރުފިޔާގެ ކަޅުބިލަ މަސް ބޭރުކޮށްފައިވާއިރު، 19 މިލިއަން ރުފިޔާގެ ބޮޑު ކަންނެލި ވެސް ބޭރުކޮށްފައިވެއެވެ.
މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް 42 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، އެއީ ބޭރުކުރި މުދަލުގެ 36 އިންސައްތައެވެ. ތައިލެންޑަށް 22 މިލިއަން ރުފިޔާގެ މުދާ އަދި ވިއެޓްނާމަށް 13 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު ބޭރުކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މިދިޔަ މަހު 240 އުޅަނދަށް އެ އިދާރާއިން ޚިދުމަތް ދީފައިވެއެވެ. އެއީ ރާއްޖެ އައި 120 އުޅަނދަކަށާއި ފުރި 120 އުޅަނދަކަށެވެ.