ENGLISH
22 އޭޕްރީލު 2025
ޣައްޒާގެ ނަޞްރާ އެކު ދިވެހިންގެ ހިތްތައް ވެސް އުފަލުން ފޮޅިފައި
24 ޖެނުއަރީ 2025
|
ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އަނިޔާވެރި ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމާއެކު ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅެމުންދާ މުސްލިމުން ދަނީ އުފާ ފާޅުކުރަމުންނެވެ. އެގޮތުން ދިވެހިންވެސް ދަނީ އެކަމާ އުފާ ފާޅުކޮށް ޝުޢޫރުތައް ފާޅުކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ހިތްވަރު ދިނުމާއި އެހީތެރިވެ ދިނުމުގެ ގޮތުން އިސްރާ އެސޯސިއޭޝަނުން މިއަދު ވަނީ މާލޭގައި އެއްވުމެއް ބާއްވާފަ އެވެ.
މިއަދު ހަވީރު އާރޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ފަލަސްޠީނުގެ މުސްލިމުންނަށް ލިބުނު ނަސްރާއެކު ވެސް ފަލަސްޠީނަށް އެހީވުން ހުއްޓާނުލުމަށް ގޮވާލި އެވެ. އަދި މި އެއްވުމުގައި އިސްކޮން އުޅުނު ބައެއް މީހުން ވަނީ ޣައްޒާގެ މުޖާހިދުން ހުށަހެޅި ހުރިހާ ޝަރުޠުތަކަކަށް އެއްބަސްވެ ހަނގުރާމަ ހުއްޓާލުމާއެކު ކުރެވުނު އިހްސާސްތައް ހިއްސާކޮށްފަ އެވެ.
އެއްވުމުގެ ބައިވެރިން ވަނީ ޣައްޒާގެ މުޖާހިދުން ހުށަހެޅި ހުރިހާ ޝަރުޠުތަކަކަށް އެއްބަސްވާން ޖެހުނީ އިސްރާޢީލުގެ އަނިޔާވެރި ޔަހޫދީން ބޭނުންވި އެއްވެސް ކަމެއް ޙާޞިލް ނުވެކަން ފާހަގަކޮށްފަ އެވެ. އަދި ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދިޔަ ލާއިންސާނީ ޙަމަލާތަކާއި ތަޢުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ޢާންމު ޚިދުމަތްދޭ ތަންތަނަށްދޭ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށްދޭ ޙަމަލާތައް ހުއްޓާލަންޖެހި އެބައިމީހުން ކުޑަކަކޫމައްޗަށް ތިރިވެ ޞުލްޙައިގެ އެއްބަސްވުމަކަށް ދިޔުމަކީ އެއީ ލިބުނު ބޮޑުވެގެންވާ ނަޞްރެއް ކަމަށް މިއެއްވުމުގައިވެސް ބައިވެރިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުން ފާހަގަ ކުރަމުންދާ މި ނަޞްރުގައި ބައިވެރިވުމަކީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނުވާނެ އަދި ޣައްޒާގެ ރައްޔިތުންގެ ހިތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީ އަކަށް ވެގެން ދާނޭ ކަމެއްކަމެއް ކަމަށްވެސް ބައިވެރިން ފާހަގަކުރިއެވެ.
ހަނގުރާމަ ނިމުނު ކަމުގައި ވިޔަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލާ، އެ ޤައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ. މި އެއްވުމުގައި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވެއެވެ.
އެއްވުގައި އިސްކޮށް ހަރަކާތްތެރިވި އިސްރާ އެސޯސިއޭޝަނަކީ ފަލަސްޠީނުގެ ޙައްޤުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އެއް ޖަމްޢިއްޔާއެވެ. އެގޮތުން 07 އޮކްޓޯބަރު 2023 ގައި ހަނގުރާމަ ފެށިފަހުން މިއަދާ ހަމައަށް ވެސް، ފަލަސްޠީނު ޤަޟިއްޔާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
ފަލަސްޠީނަށް ދެމުންދިޔަ ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ވެސް ވަނީ ބޮޑެތި އެއްވުންތަކާއި ހިނގާލުންތަކާއި ވެހިކަލް ރެލީ އާއި ޢިލްމީ ފޯރަމްތަކާއި ދަރުސްތަކާއި ފަންޑްރައިސިންގެ ހަރަކާތްތަކުގެ އިތުރުން ވެސް ތަފާތު ޕްރޮގްރާމްތަކާއި ސޯޝަލް މީޑިޔާ ކެންޕެއިންތަކާއި ޙަރަކާތްތައް ބާއްވާފަ އެވެ.