ENGLISH
22 އޭޕްރީލު 2025
ނަޞްރާއި ފަތަޙައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން: ޚުތުބާ
24 ޖެނުއަރީ 2025
|
ހަނގުރާމައަށްފަހު ޣައްޒާގެ ރައްޔިތުން އުފާފާޅު ކުރަނީ. ފޮޓޯ: އަލްޖަޒީރާ
ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަސްރާއި ފަތަހައިގެ ތަޅުދަނޑިއަކީ އީމާންކަމާއި ކެތްތެރިކަން ކަމަށާއި، އަދި މިނަސްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ގާޒާގެ ރައްޔިތުންގެ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މިއަދު އިވެމުންދަނީ އެތައް ދުވަހެއް ވަންދެން ފަލަސްތީނުގައި ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ވާހަކަ ކަމަށެވެ. އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާ ފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއް ކަމަށެވެ. މި ހަނގުރާމަ ހުއްޓައިލުމަށް ސަހްޔޫނީ ނިޒާމަށް މަޖުބޫރުވީ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަކީ ގާޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށެވެ. އެ ނަސްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަމާއި އުޚުއްވަތްތެރިކަމާއި ނުގުޑާ ފަދަ އަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲ އަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމަ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން މުޅި ޣައްޒާ ބިމާހަމަވެފައިވާއިރު ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅިންނާއި އިލްމުވެރިންނާއި ފަލަޞްޠީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރަމުން ދިޔަ އެތައް ލީޑަރުންނެއް ހިމެނެއެވެ. އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ މި ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް، މި ހަނގުރާމައިން އެތައް ޢިބުރަތެއް ލިބިގެންދިޔަކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެގޮތުން ލިބިގެންދިޔަ އެންމެ މުހިންމު އެއް ފިލާވަޅުކަމަށް ޚުޠުބާގައި ފާހަގަކުރީ ﷲއަށް ނަޞްރުދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެކަމެވެ.
ބިމާހަމެވެފައިވާ އިމާރާތެއް ހުރި ސަރަހައްދެއްގަ ޣައްޒާގެ ކުޑަކުދިންތަކެއް އުފާފާޅު ކުރަނީ. ފޮޓޯ: އަލްޖަޒީރާ
ޚުތުބާގައި ބުނީ ފަލަސްތީނާއި ބައިތުލްމަގްދިސާއި އަލްމަސްޖިދުލްއަގްސާގެ ވާހަކަ ދެކެވޭއިރު، އިސްރާ އާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ހަނދާނަށް އަންނަ ކަމަށެވެ. އެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްތީނު ވަކިވެގެން ނުދާނެކަން ކަމަށެވެ. މައްކާ އާއި ބައިތުލްމަސްދިސަކީ ގުޅި ލާމެހިފައިވާ، ތައުހީދުގެ ރިސާލަތުގެ ދެ ދަންމަރު ކަމަށެވެ. އަލްމަސްޖިދުލްހަރާމާއި އަލްމަސްޖިދުލްއަގްސާ އާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.
އަލްއަގްސާގެ ވަށައިގެން ވަނީ ބަރަކާތްލެއްވިގެންވާ ތަންތަން ކަމަށެވެ. އަގްސާ މިސްކިތަކީ ބިންމަތީގައި މާތް ﷲ އަށް އަޅުކަންކުރުމަށް ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާއި މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށެވެ. އެ މިސްކިތް، ސަހްޔޫނީ އިސްތިއުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމަ ކަމަށެވެ. އަގްސާ މިސްކިތް، މިނިވަންކުރުމަށް މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.
ހަގުރާމައަށްފަހު ގިނަބަޔަކު ޣައްޒާގެ މަގުތަކަށް އުފާފާޅުކުރަން ނިކުމެފަވޭ. ފޮޓޯ: އަލްޖަޒީރާ
އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. އެކަން އެގޮތަށް މެދުވެރިވީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ.
ހުކުރު ޚުޠުބާގައި ބުނީ މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲއަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެން ކަމަށެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާކޮށް އަހަރެމެންގެ ޙަޔާތުގައި އިސްލާމްދީން ޤާއިމުކޮށްގެންކަމަށެވެ.