ENGLISH
22 އޭޕްރީލު 2025
ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގެ ތަޢުލީމީ ނިޒާމުގައި ޓެކްނޮލޮޖީ ހިމަނައިގެން ކުރިމަގުގެ ޖީލުތައް އުޖާލާކޮށްދެވިދާނެ: ރައީސް
24 ޖެނުއަރީ 2025
|
ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ޤައުމެއްގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި، މަތީފަންތީގެ އީ-ލަރނިންގ ވަޞީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާއި ވަރޗުއަލް ރިއަލިޓީ (ވީއާރު) ހިމަނައިގެން، ކުރިމަގުގެ ޖީލުތަކަށް އުޖާލާކަން ގެނެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތަޢުލީމު ދުވަހާ ގުޅޭގޮތުން ހިއްސާކުރެއްވި ޚާއްޞަ މެސެޖުގައި ރައީސް ވިދާޅުވީ ޢިލްމުގެ ހަކަތައިން ވަކިވަކި ފަރުދުން ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަންނަން ޖެހޭ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ތަޢުލީމު ދުވަހުގެ ޝިޢާރުކަމަށްވާ، "އޭ.އައި އެންޑް އެޑިއުކޭޝަން: ޕްރިޒަރވިންގ ހިއުމަން އޭޖެންސީ އިން އަ ވަރލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތަޢުލީމީ ނިޒާމަށް ފުރުޞަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތަޢުލީމު އެކުއެކީގައި އެކުލެވިގެންދިއުމަކީ ލާޒިމުކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރައްވައި، "ސްޓީމް" ތަޢުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތަޢުލީމުގެ މުހިންމުކަން މިއަދު ހަނދާންކުރަމުންދާ ހިނދު، ކުޑަކުދިންނާއި ޒުވާނުންގެ ޢިލްމާއި ހުނަރުތައް އިތުރުކުރުމަށް، ތަޢުލީމީ ދާއިރާގައި އިޚުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތަޢުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
އަދި، މި ޤައުމުގެ ކޮންމެ ކުއްޖަކީވެސް، އެކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭފަދަ އަގުކުރުންތައް ޤާއިމުކޮށްދޭފަދަ، ޚިޔާލާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭފަދަ، އަދި ބަދަލުވަމުންމިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ޤާބިލުކަން ލިބޭފަދަ، ރަނގަޅު ފެންވަރުގެ ތަޢުލީމު ލިބޭ ކުއްޖެއްކަން ކަށަވަރުކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ކުރިއަށް އޮތް ތިން، ހަތަރު އަހަރުތެރޭ ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ޚާއްސަކޮށް ތަޢުލީމާއި ސިއްހީ ދާއިރާ އެއްކޮށް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ދާދި ފަހުން އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވެފައެވެ. ދުނިޔޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ރޮނގުން އެންމެ ކުރިއަރާފައިވާ އެއްގައުމު ކަމަށްވާ އެސްޓޯނިއާ އަށް ވަޑައިގެން ރައީސް ވަނީ އެ ގައުމުގެ ތަޢުލީމާ ބެހޭ ވަޒީރުއާ ބައްދަލު ކުރައްވައި ޓެކްނޮލޮޖީގެ ރޮނގުން ރާއްޖެ އަށް ކާމިޔާބީ ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައެވެ.