ENGLISH
22 އޭޕްރީލު 2025
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ސައިޓެއް ޤާއިމުކުރަނީ، ރ. އަތޮޅު ސައިޓް މާކުރަތުގައި
23 ޖެނުއަރީ 2025
|
ރައީސް ޑރ. މުޢިއްޒު، މާކުރަތުން އެމަނިކުފާނަށް މަރުހާ ކިޔަން ނިކުމެ ހުރި މީހަކާ ސަލާން ކުރައްވަނީ
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބަޕްލިކް ވޯކްސް ސައިޓެއް ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން ރ.އަތޮޅުގައި ގާއިމުކުރާ ސައިޓް އެ އަތޮޅު މާކުރަތުގައި ގާއިމުކުރަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ ބަޕްލިކް ވޯކްސް ސައިޓް ގާއިމުކުރައްވާނީ ބަޕްލިކް ވޯކްސްއަށް ބޭނުންވާ ހުރިހާ މެޝިނަރީތަކާއެކު ކަމަށެވެ.
އަދި ރައީސް ވިދާޅުވީ ވެހިކަލް ފަދަ ތަކެއްޗާއެކު އެއްތަނުން އަނެއް ތަނަށް ގެންދެވޭ މޯބައިލް ދެ ޔުނިޓް ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ އެއްވެސް ގޮތެއްގައި ބޭކާރު ޚަރަދެއް ނޫން ކަމަށާއި އެގޭ ސަބަބުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"ޕަބްލިކް ވޯކްސް ސައިޓްތައް ހެދުމަކީ ބޭކާރުވާ ޚަރަދެއް ނޫން. އަދި އެކަމަށް ޚަރަދު ކުރުމަކީ ކުރިއަށް އޮތްތަނުގައި ކޮންމެ ރަށެއްގައި މިހެން ހުންނަ އިންފްރާސްޓަކްޗަރ ތަންތަން ބެލެހެއްޓުމުގައި ވަރަށް ބޮޑުތަން ޚަރަދު ކުޑަވެގެންދާނެ ބަޕްލިކް ވޯކްސް ސައިޓްތައް ޤާއިމުކުރެވުނީމަ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ މާކުރަތުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަން އިއުލާން ކުރައްވާފަ އެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މައްސަލައާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މާކުރަތުގެ ޞިއްޙީ މަރުކަޒާއި އެރަށު ސްކޫލް ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންވެސް ދެއްވިއެވެ.
އޭގެ އިތުރުން މިއަހަރު ތެރޭގައި އެރަށުގައި ފުޓުސަލް ދަނޑެއް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށާއި އަދި އަންނަ އަހަރު ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.