ENGLISH
19 އޭޕްރީލު 2025
ލިވަޕޫލަށް ހުއްޓުމެއް ނެތް، ބާސާ ވެސް ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފި
22 ޖެނުއަރީ 2025
|
ލިއްލެއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ލިވަޕޫލާއި ބާސެލޯނާ އިން އެ މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.
ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އޮތް ލިވަޕޫލުން ވަނީ 2-1 އިން ލިއްލެ ބަލިކޮށްފައެވެ. ބާސެލޯނާ އިން ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި 5-4 އިން ބެންފީކާ އަތުން މޮޅުވެފައެވެ.
މި ނަތީޖާއާ އެކު، ލީގު ފިޔަވަހީގެ ބުރުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ލިވަޕޫލް އެއްވަނައިގައި އުޅެނީ ހަތް މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި ބާސެލޯނާ އޮތްއިރު، ހަތް މެޗުން ހޯދީ 15 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެ ޓީމަށް ޔޫރަޕްގައި ޖަހައިދިން 50 ވަނަ ގޯލާއެކު ލީޑު ނަގާފައިވަނިކޮށް، ޖޮނަތަން ޑޭވިޑް ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލިއްލެ އަށް އެއްވަރުކޮށްދީފައެވެ.
ލިއްލެ އިން އެއްވަރުކުރުމުގެ ތިން މިނެޓު ކުރިން، މެޗުގެ 59 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު، އައިސަ މަންޑީ އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، މެޗުގެ ބާކީބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ބާސެލޯނާ އަށް ލަނޑުޖަހައިދިނުމަށްފަހު ރަފީނިއާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ލިވަޕޫލުން އަލުން ލީޑު ނަގައި، މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑުޖެހީ 67 ވަނަ މިނެޓުގައެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ހަވީ އެލިއަޓް އެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަދެފައިވަނީ ލިއްލެގެ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ކެޕްޓަން، ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ އެރިކް ގާސިއާ އެވެ.
މި މެޗުގައި ބެންފީކާގެ ވަންޖެލިސް ޕަވްލީޑިސް ހެޓްރިކެއް ހެދިއިރު، އެ ޓީމުން ޖެހި އަނެއް ގޯލަކީ ބާސެލޯނާގެ ޑިފެންޑަރު، ރޮނަލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޕީއެސްވީ އެއިންދޯވަން ވަނީ ރަށުން ބޭރުގައި 3-2 އިން ރެޑް ސްޓަރ ބެލްގްރޭޑް ބަލިކޮށްފައެވެ. ސްލޮވަން ބްރަޓިސްލާވާ އަތުން 3-1 އިން ވީއެފްބީ ސްޓުޓްގާޓް މޮޅުވިއިރު، މޮނާކޯ ވަނީ 1-0 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ.