ENGLISH
24 ޖޫން 2026
ގާނާ އަތުން އިންގްލެންޑަށް ލިބުނީ ޕޮއިންޓެއް
24 ޖޫން 2026
|
ވޯލްޑް ކަޕުގައި އިންގްލެންޑާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެލްގައި މިރޭ ގާނާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމުގައި އިންގްލެންޑް ނާކާމިޔާބުވެ، ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވި ތޯމަސް ޓުޗެލްގެ ޓީމަށް މި ނަތީޖާއަކީ މާޔޫސްވި ނަތީޖާއެއް ނަމަވެސް، މި ނަތީޖާއާއެކު ދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ.
ފުރަތަމަ މެޗުގައި ފަހު ވަގުތު ޕެނަމާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި ގާނާއިން މެޗު ފެށުނީއްސުރެ މަސައްކަތް ކުރީ އިނގިރޭސިންގެ ވަރުގަދަ އެޓޭކުތައް ހުއްޓުވުމަށެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ބޯކޮށް ވާރޭވެހެނުއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އިނގިރޭސި ޓީމުން 80 އިންސައްތަ ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް، ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. ކެޕްޓަން ހެރީ ކޭން އާއި އިނގިރޭސި އެހެން ކުޅުންތެރިން އޭރިއާ ތެރެއަށް ވަންނަ ކޮންމެ ފަހަރަކު ގާނާގެ ކުޅުންތެރިން ދިޔައީ ވަށާލައި އެކަން ހުއްޓުވަމުންނެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވި ފުރަތަމަ ހާފު ނިމުނު ފުރަތަމަ މެޗެވެ.
ކޯޗެއްގެ ގޮތުގައި ފަސްވަނަ ވޯލްޑް ކަޕާ ކުރިމަތިލާ ކާލޮސް ކުއިރޯޒްގެ އިރުޝާދުގެ ދަށުން ގާނާ ނިކުންނާނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ގަބޫލުކުރާ ކަމަށް ޓުޗެލް ކުރިން ބުނެފައިވެއެވެ. ކުއިރޯޒް އަކީ މެންޗެސްޓާ ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށް، އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗެކެވެ.
ވޯލްޑް ކަޕުގައި އިންގްލެންޑާއި ގާނާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މެޗުގެ ނަތީޖާ ބަދަލުކުރުމަށްޓަކައި ޓުޗެލް ވަނީ 65 ވަނަ މިނެޓުގައި ބުކާޔޯ ސަކާ އާއި ނިކޯ އޮރައިލީ ކުޅެން އަރުވާފައެވެ. އޭގެ 10 މިނެޓު ފަހުން މޯގަން ރޮޖާސް އާއި އެބެރެޗީ އެޒޭގެ އިތުރުން މާކަސް ރަޝްފޯޑުވެސް ވަނީ ކުޅެން ނެރެފައެވެ. ޕެނަމާ މެޗުގެ ފަހު ވަގުތު ލަނޑު ޖެހި ގާނާއިން، ކައުންޓަރ އެޓޭކުގައި އެންޓޮއިން ސެމެންޔޯ އާއި ބަދަލު ކުޅުންތެރިޔާ ޕްރިންސް ކުވަބޭނާ އަޑޫގެ ހަލުވި ދުވެލީގެ ބޭނުން ހިފައި، އިނގިރޭސި ގޯލަށް ނުރައްކާކުރަން މަސައްކަތްކުރިއެވެ.
ނަމަވެސް މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތު 86 ވަނަ މިނެޓުގައި ގެއްލުވާލީ އިންގްލެންޑުންނެވެ. އޮރައިލީ ބޮލުން ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު، ކޭން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފަހު މިނެޓުތަކުގައި އިނގިރޭސި ޓީމުން ވަރަށް ބޮޑަށް ޕްރެޝަރުކުރި ނަމަވެސް، ގާނާގެ ކުޅުންތެރިން ވަނީ ސާބިތުކަމާއެކު ދިފާއުކޮށް މެޗު އެއްވަރުކޮށްފައެވެ.
މި ގްރޫޕުގައި ހިމެނޭ ކްރޮއޭޝިއާ އާއި ޕެނަމާ މިރޭ ބައްދަލުކުރާނެއެވެ. މި ދެ ޓީމަށްވެސް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.