ENGLISH

24 ޖޫން 2026

Advertisement

އިންގްލެންޑް ސަޕޯޓަރުންގެ ނުރުހުން ގާނާގެ ޕާޓޭއަށް، ސަލާންކުރަން ސްޕެންސް އިންކާރުކުރި

24 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގައި މިރޭ ކުޅުނު މެޗުގައި، ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭއާ މެދު އިންގްލެންޑުގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މިގޮތުން މެޗުގެ ކުރީކޮޅު ޕާޓޭގެ ފަޔަށް ބޯޅަ އެރި ކޮންމެ ފަހަރަކު ސަޕޯޓަރުން ވަނީ އޭނާއަށް މަލާމާތްކޮށް އަޑުގަދަކޮށްފައެވެ. މި ހިތްހަމަނުޖެހުން އުފެދުނީ މެޗު ފެށުމުގެ ކުރިން ކުޅުންތެރިން ސަލާންކުރި ވަގުތު، އިންގްލެންޑުގެ ޑިފެންޑަރު ޖެޑް ސްޕެންސް، ޕާޓޭއާ ސަލާންކުރަން ދެކޮޅުހެދި ކަމަށް ބެލެވޭ މަންޒަރުތަކެއް ފެނުމާ ގުޅިގެންނެވެ.

އާސެނަލްގެ ކުރީގެ ކުޅުންތެރިޔާ ޕާޓޭއަށް އިނގިރޭސިވިލާތުގައި ރޭޕް ކުރިކަމުގެ ހަތް ދައުވާއަކާއި، ޖިންސީ ގޯނާގެ ދެ ދައުވާއެއް އުފުލިފައިވާއިރު، މިކަމުގެ ސަބަބުން އޭނާ މުބާރާތުގައި ކުޅުމާ މެދު ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ނަމަވެސް އޭނާ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޤައުމީ ސަލާމަށްފަހު ކުޅުންތެރިން އެކަކު އަނެކަކާ ސަލާމްކުރަމުން ދިޔައިރު، ޓޮޓްނަމް ހޮޓްސްޕަރގެ ޑިފެންޑަރު ސްޕެންސް ވަނީ އުމުރުން 33 އަހަރުގެ ޕާޓޭއާ ސަލާންނުކޮށް ދޫކޮށްލާފައެވެ.

ކެނެޑާއިން ވިސާ ނުދިނުމުގެ ސަބަބުން، ޓޮރޮންޓޯގައި ޕެނަމާއާ ދެކޮޅަށް ގާނާ ކުޅުނު ފުރަތަމަ މެޗުގައި ޕާޓޭއަށް ބައިވެރިއެއް ނުވެވުނެވެ. އެ މެޗުން ގާނާ މޮޅުވީ 1-0 ގެ ނަތިޖާއަކުންނެވެ. އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާއަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ސަޕޯޓަރުން ގެންދިޔައީ ފާޑުކިޔައި އަޑުގަދަކުރަމުންނެވެ.

މިހާރު ސްޕެއިންގެ ވިޔަރެއާލްއަށް ކުޅެމުން އަންނަ ޕާޓޭ މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި، ކުޅުމަށް ތައްޔާރު ކަމަށެވެ. އޭނާއަކީ އާސެނަލްގައި އިންގްލެންޑްގެ ޑެކްލަން ރައިސް އަދި ބުކާޔޯ ސަކާއާއެކު ކުޅެފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު