ENGLISH

19 އޭޕްރީލު 2025

Advertisement

އިންޓަރ މޮޅުވެ، ނަޕޯލީގެ ފަހަތުން ވިއްދާފައި

20 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޓަރގެ ކެޕްޓަން، މާޓިނޭޒް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އެމްޕޯލީ 3-1 އިން ބަލިކޮށް، އިންޓަރ މިލާނުން، ތާވަލްގެ ކުރީގައި އުޅޭ ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

މި ނަތީޖާއާއެކު، އިންޓަރ އަދިވެސް އޮތީ ދެވަނައިގައެވެ. އެންމެ ކުރީގަ އުޅޭ ނަޕޯލީ އަށް 21 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. އެއް މެޗު މަދުން ކުޅެގެން އިންޓަރ ދެވަނައިގައި އޮތީ 47 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ޕޮއިންޓް ފަހަތުން ތިންވަނައިގައި އެޓަލާންޓާ އޮތްއިރު، ހަތަރު ވަނައިގައި އޮތް ލާޒިއޯ އަށް 21 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

ސެންސީރޯގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާކުރީ ފަހު ހާފުގައެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަރަކަށް މިނެޓުގެ ތެރޭގައި އިންޓަރ އަށް ލީޑު ނަގައިދިނީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް އެވެ.

އޭގެފަހުން، މެޗުގެ 79 ވަނަ މިނެޓުގައި ޑެންޒެލް ޑަމްފްރީސްގެ ގޯލުން އެ ޓީމު ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ހަތަރު މިނެޓުފަހުން އެމްޕޯލީގެ ސެބަސްޓިއާނޯ އެސްޕޮޒީޓޯ ވަނީ ފަރަގު ކުޑަކޮށްދީފައެވެ.

މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް، އިންޓަރގެ ލީޑު ދަމަހައްޓައިދީ މޮޅު ކަށަވަރުކޮށްދިނީ ފްރާންސްގެ ފޯވާޑް، މާކަސް ތުރާމް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ހެލާސް ވެރޯނާ އަތުން ލާޒިއޯ މޮޅުވީ 3-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު