ENGLISH

20 އޭޕްރީލު 2026

Advertisement

އަދަދު ނޫހުގެ ހަބަރަކީ ރައީސްގެ ވާހަކަފުޅު އޮޅުވާލައިގެން ލިޔެފައިވާ ލިޔެފައިވާ ހަބަރެއް: ތަރުޖަމާން

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ސަރުކާރުގެ ތަރުޖަމާނު މުންދު

"ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" މި ސުރުހީގެ ދަށުން އަދަދު ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުތަކުގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ހަބަރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިމިދިޔަ އިންތިހާބުގައި ރައްޔިތުން ދިން އެެއް މެސެޖަކީ ސަރުކާރުތަކުން ސިޔާސީ ގޮތުން ވަޒީފާތައް ދެމުން އައި އައުން ބަދަލުކުރަން ޖެހޭކަމުގެ ވާހަކަތައް ކަމަށެވެ. 

"އަޅުގަނޑުވެސް ދާނީ އެގޮތަށް. ހަމަ އޮންނަ އުސޫލުގެ ތެރެއިން ކުރިމަތިލައިގެން އެމީހެއްގެ ސީވީއަށް ބެލުމަށް ފަހު ނޫނީ ދެން އެެއްވެސް އެސްއޯއީއަކަށްވެސް މިނިސްޓްރީއަކަށް ވެސް މުވައްޒަފުންނެއް ނުނެގޭނެ. އަދި ނުގަވާއިދުން މީހަކަށް ވަޒީފާއެއް ދިފައިވާނަމަ އެމީހަކު އެ ވަޒީފާއަކުން ވަކިކުރަންވެސް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. ސަރުކާރުންވެސް ކުރިއަށްދާނީ އެގޮތަށް،". ރައީސް ވިދާޅުވި އެވެ.  

މިވާހަކަތައް އޮޅުވާލައިގެން އަދަދު ނޫހުން ގެނެސްދިން ހަބަރުގައި އިންތިހާބުތަކާ ދިމާކޮށް ވޯޓު ހޯއްދެވުމަށް ސަރުކާރުން މީހުންނަށް ވަޒީފާ ދެއްވާފައިވާނެ ކަމަށް ރައީސް އިއުތިރާފުވެފައިވާކަމަށް ވަނީ ބުނެފަ އެވެ. 

އަދަދު ނޫހުގެ މި ވާހަކަތައް ދޮގުކުރައްވައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ މި ޚަބަރަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި، އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ޙަވާލާދީ، ލިޔެފައިވާ ޚަބަރަކަށް ވީހިނދު، އެޚަބަރުގައި ރައީސުލްޖުމްހޫރިއްޔާއާ ޙަވާލާދީ، ޚަބަރުގައި އޮތް ސުރުޚީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައިގެން ލިޔެފައިވާ ހަބަރެއް ކަމަށެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެއްކަން ވެސް ތަރުޖަމާނު ވަނީ ފާހަގަކުރައްވާފަ އެވެ. 

"ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެވޭ އަން-އެތިކަލް، އަން-ޕްރޮފެޝަނަލް މިފަދަ ލިޔުންތަކާ ގުޅިގެން، ކަމުގެ ޙަޤީޤަތް ސާފުކޮށް، ހާމަކުރަމުންދާނެކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ." ތަރުޖަމާނު ވިދާޅުވި އެވެ. 

މީގެކުރިން ވެސް ސަރުކާރާ ދެކޮޅު ނޫސްތަކުން ވަނީ ރައީސްގެ ބައެެއް ވާހަކަފުޅުތައް އޮޅުވާލައިގެން ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަ ފަތުރާފަ އެވެ. އެފަދަ ކޮންމެ ފަހަރަކުވެސް ހަގީގަތް ހާމަކޮށްދީ ނޫސްވެރިކަމުގެ މިންގަނޑުތަކުގެ ތެރެއިން ތެދު ހަބަރާއި މައުލޫމާތު ފެތުރުމަށް ސަރުކާރުން އަންނަނީ ހަނދާންކޮށްދީ އިލްތިމާސްކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު