ENGLISH
11 ޖޫން 2026
ވޯލްޑް ކަޕުގެ ތާރީޚުގެ އެންމެ ފާހަގަކޮށްލެވޭ 10 ލެޖެންޑުން
11 ޖޫން 2026
|
ވޯލްޑް ކަޕް ތާރީޚުގެ އެންމެ ފާހަގަކޮށްލެވޭ 10 ލެޖެންޑުން-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
ގާތްގަނޑަކަށް ގަރުނެއްގެ ދިގު މާޒީގައި، 22 މުބާރާތެއްގައި ކުޅެފައިވާ އެތައް ހާސް ކުޅުންތެރިންގެ ތެރެއިން، ފީފާ ވޯލްޑް ކަޕް ތާރީޚުގައި އުފެދުނު އެންމެ މޮޅު 10 ކުޅުންތެރިން ހޮވުމަކީ ބޮޑު ގޮންޖެހުމެކެވެ. އަދި ވަރަށް ދަތި އުނދަގޫ ކަމެއްކަންވެސް ޔަގީނެވެ.
ބީބީސީ އިން އާންމުކޮށްފައިވާ މި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ހަޔެއް ނުވަތަ ހަތް ކުޅުންތެރިންނަކީ އެކަމާ ދެބަސްވެވެން ނެތް ފަރާތްތަކެވެ. ނަމަވެސް އެ ކުޅުންތެރިންގެ ތަރުތީބާއި، ބާކީ ހުރި މަގާމުތަކަށް އަންނާނެ ކުޅުންތެރިންނާ މެދު ބޮޑެތި ބަހުސްތަކެއް އުފެދޭނެކަން ކަށަވަރެވެ.
ބީބީސީގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ވޯލްޑް ކަޕުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާ ފަދަ ކުޅުންތެރިއަކު މި ލިސްޓުން ބާކީކޮށްލުމަކީ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އޭނާއަށް ލިބެނީ 11 ވަނަ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ގަރިންޗާ، އިޓަލީގެ ރޮބާޓޯ ބާޖިއޯ، އަދި 1958 ވަނަ އަހަރުގެ އެންމެ މުބާރާތެއްގައި 13 ލަނޑު ޖެހި ފްރާންސްގެ ޖަސްޓް ފޮންޓެއިން އަށްވެސް މި ލިސްޓުން ޖާގައެއް ލިބިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ފުޓްބޯޅައިގެ އަގުނުކުރެވޭ ފަދަ ތަރިން ކަމަށްވާ ނެދަލެންޑްސްގެ ޔޯހާން ކްރައިފް، ޕޯޗުގަލްގެ ޔޫސެބިއޯ، އަދި ޖަރުމަނުގެ ގާޑް މުލާ ފަދަ ކުޅުންތެރިންނަށްވެސް ޖާގައެއް ނެތެވެ. ފަހަރުގައި 20 ކުޅުންތެރިންގެ ލިސްޓެއް ނަމަ މިކަން މާ ފަސޭހަވީސްކަން ނޭނގެއެވެ. އަދި 2010 ވަނަ އަހަރުގެ ސްޕެއިން ޓީމުގެ މޮޅުކަމަކީ ވަކިވަކި ކުޅުންތެރިންނަށް ވުރެ ބޮޑަށް މުޅި ޓީމުގެ ރޫހު ކަމަށްވާތީ، އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކު މި ލިސްޓަކު ހިމަނާފައެއް ނުވެއެވެ.
1. ޕެލޭ (ބްރެޒިލް) - 1958، 1962 އަދި 1970 ގެ ޗެމްޕިއަން
މި ލިސްޓުގެ އެއްވަނައިގައި ވަނީ ޕެލޭއެެވެ. ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކީ އޭނާއެވެ. 17 އަހަރުގައި ދުނިޔެ ސިއްސުވާލި ހުނަރުވެރިޔާ، 1970 ގައި ފެނިގެންދިޔަ ޕެލޭއަކީ ވޯލްޑް ކަޕުގެ އެންމެ އުޖާލާ ތަރިއެވެ. 1970 ވަނަ އަހަރު މެކްސިކޯގައި ބްރެޒިލުން ދެއްކި މޮޅު ކުޅުމުގެ މޭސްތިރިއަކީ އޭނާއެވެ. ފައިނަލުގައި އިޓަލީ 4-1 އިން ބަލިކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައިދީ، އަދި އިތުރު ދެ ލަނޑު ޖެހުމަށް މަގުފަހިކޮށްދީފައިވެއެވެ. އެހެންކަމުން ޝައްކެއްވެސް ނެތް ގޮތުގައި، ޕެލޭއަކީ ވޯލްޑް ކަޕް ތާރީޚުގައި އުފެދުނު އެންމެ ވަރުގަދަ ލެޖެންޑެވެ. އޭނާގެ ނަމަކީ މުޅި ދުނިޔޭގައިވެސް ފުޓްބޯޅައިގެ ރަމްޒެކެވެ.
2. ޑިއޭގޯ މަރަޑޯނާ (އާޖެންޓީނާ) - 1986 ގެ ޗެމްޕިއަން
1986 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ހަމައެކަނި މަރަޑޯނާގެ މުބާރާތެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިންގްލެންޑް ކޮޅަށް ޖެހި "ހޭންޑް އޮފް ގޯޑް" ލަނޑާއި، އަމިއްލަ ހާފުން ފެށިގެން ހަ ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި "ގޯލް އޮފް ދަ ސެންޗަރީ" އަކީ ފުޓްބޯޅަ އޮތްހާ ދުވަހަކު ދެމިއޮންނާނެ ހަނދާންތަކެކެވެ. އޭނާއަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ޝަޚުޞިއްޔަތެވެ.
3. ރޮނާލްޑޯ (ބްރެޒިލް) - 1994 އަދި 2002 ގެ ޗެމްޕިއަން
1998 ގެ ފައިނަލުގައި ކުރިމަތިވި ހިތްދަތި ނާކާމިޔާބީއަށްފަހު، 2002 ވަނަ އަހަރު ރޮނާލްޑޯ އެނބުރި އައީ ވަރުގަދަ އަޒުމަކާއެކުއެވެ. އެ މުބާރާތުގައި 8 ލަނޑު ޖަހައި، ފައިނަލުގައި ޖަރުމަން ކޮޅަށް ދެ ލަނޑު ވައްދާލައިގެން ބްރެޒިލަށް ފަސްވަނަ ތަށި ހޯދައިދިނެވެ. އޭނާއަކީ ވޯލްޑް ކަޕް ތާރީޚުގައި އުފެދުނު އެންމެ ނުރައްކާތެރި ފޯވާޑެވެ.
4. ލިއޮނެލް މެސީ (އާޖެންޓީނާ) - 2022 ގެ ޗެމްޕިއަން
އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، 2022 ވަނަ އަހަރު ގަތަރުގައި މެސީ ވަނީ އޭނާގެ ކެރިއަރު ފުރިހަމަކޮށްފައެވެ. މުޅި މުބާރާތުގައި 7 ލަނޑު ޖަހައި، ކޮންމެ މަރުހަލާއެއްގައިވެސް ނަތީޖާ ބަދަލުކޮށްލާ ފަދަ ކުޅުމެއް ދައްކައި، އާޖެންޓީނާއަށް 36 އަހަރަށް ފަހު ތަށި ހޯދައިދިނުމުގެ މޭސްތިރިއަކީ މެސީއެވެ. މިއީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ ފުރިހަމަ ކާމިޔާބީއެވެ.
5. ފްރާންޒް ބެކެންބާވަރ (ހުޅަނގު ޖަރުމަން) - 1974 ގެ ޗެމްޕިއަން
"ޑިއަރ ކައިޒާ" ގެ ނަމުން މަޝްހޫރު ބެކެންބާވަރަކީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. 1974 ގައި ކެޕްޓަނެއްގެ ގޮތުގައި ތަށި އުފުލާލިއިރު، 1990 ގައި އޭނާ ވަނީ ކޯޗެއްގެ ގޮތުގައި ޖަރުމަނަށް ތަށި ހޯދައިދީފައެވެ.
6. ކިލިއަން އެމްބާޕޭ (ފްރާންސް) - 2018 ގެ ޗެމްޕިއަން
އުމުރުން އެންމެ 19 އަހަރުގައި 2018 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، އެމްބާޕޭ ވަނީ ޕެލޭގެ ފަހުން ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 2022 ގެ ފައިނަލުގައި އޭނާ ހެދި ހެޓްރިކަކީ ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުމެވެ. މިފަހަރުވެސް ވޯލްޑް ކަޕުގައި ރަނގަޅު މޮޅު ކުޅެމެއް ދައްކާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.
7. ޒައިނުއްދީން ޒިދާން (ފްރާންސް) - 1998 ގެ ޗެމްޕިއަން
1998 ވަނަ އަހަރު ފްރާންސަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ހޯދައިދިނުމުގެ އަސްލަކީ ޒިދާނެވެ. ފައިނަލުގައި ބްރެޒިލް ކޮޅަށް ބޮލުން ޖެހި ދެ ލަނޑާއެކު އޭނާ ވެގެންދިޔައީ ގައުމީ ބަތަލަކަށެވެ. އޭނާގެ ކުޅުމަކީ ފުރިހަމަ ފަންނެކެވެ. ނަމަވެސް 2006 ވަނަ އަހަރުގެ ފައިނަލުގައި މާޓެރާޒީގެ ގަޔަށް ބޮލުން ޖެހި ހާދިސާއަކީވެސް އޭނާގެ ވޯލްޑް ކަޕް ތާރީޚުގެ ބައެއްކަމަށް ގަބޫލުކުރެއެވެ.
8. ޕައޮލޯ ރޮސީ (އިޓަލީ) - 1982 ގެ ޗެމްޕިއަން
ދެ އަހަރުގެ ސަސްޕެންޝަނަކަށް ފަހު އެނބުރި އައިސް، ރޮސީ ވަނީ 1982 ވަނަ އަހަރު ބްރެޒިލް ކޮޅަށް ހެޓްރިކެއް ހަދައި، މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، އިޓަލީއަށް ތަށި ހޯދައިދިނުމުގައި އޭނާވީ ބޮޑު ބަތަލަކަށެވެ.
9. ކަފޫ (ބްރެޒިލް) - 1994 އަދި 2002 ގެ ޗެމްޕިއަން
ކަފޫއަކީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއެވެ. 1994 ގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބީގައި ބައިވެރިވިއިރު، 2002 ގައި އޭނާއަކީ ތަށި އުފުލާލި ކެޕްޓަނެވެ. އޭނާ ފާހަގަވެފައިވަނީ އޭނާގެ އަސްލު ވަޒަން ކަމަށްވާ "ޖާޑިމް އިރީން" މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލާ، ހިތްތިރި ލެޖެންޑެއްގެ ގޮތުގައެވެ.
10. ސަރ ޖެފް ހަރސްޓް (އިންގްލެންޑް) - 1966 ގެ ޗެމްޕިއަން
މިއީ އެންމެންނަށް އެނގޭ މަޝްހޫރު ވާހަކައެކެވެ. ހަރސްޓަކީ އިންގްލެންޑްގެ މައިގަނޑު ފޯވާޑެއް ނޫނެވެ. ނަމަވެސް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޖިމީ ގްރީވްސް ފިޓްވި ނަމަވެސް، ކޯޗު ސަރ އެލްފް ރަމްސީ އިތުބާރު ކުރީ ހަރސްޓަށެވެ. ހަރސްޓް ވަނީ ފައިނަލުގައި ހެޓްރިކެއް ހަދައި، އިންގްލެންޑަށް ހަމައެކަނި ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކޮށްފައެވެ.