ENGLISH

20 އޭޕްރީލު 2026

Advertisement

ފައްޔާޒު ފެއްޓެވި ދަތުރުގެ ނިމުން: މެމްބަރުކަން ވެސް ގެއްލިދާނެ

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރައްވައި، ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމާއެކު އެމްޑީޕީގެ މެމްބަރުކަން ވެސް ފައްޔާޒަށް ގެއްލިދާނެކަމުގެ ބިރު އެބައޮތްކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑުޚަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ނެވެ. 

އެމްޑީޕީގެ ލީޑަރޝިޕަށް ވަޑައިގަންނަވަން އުޅުއްވި ބޭފުޅުންނަށް މާޒީގައި ކުރިމަތިވި ކަންތައްތަކަށް އިޝާރާތްކުރައްވައި ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ޖާބިރު ވިދާޅުވީ އެމްޑީޕީ ހިނގަމުން އަންނަނީ ސިޔާސީ ޕާޓީއެއް ހިނގަމުން އަންނަ ގޮތަކަށް ނޫންކަމަށާއި، އެމްޑީޕީ ހިނގަމުން އަންނަނީ ކުންފުންޏެއް ހިނގަމުން އަންނަ ގޮތަށް ކަމަށެވެ. 

"ޕާޓީއެއް ގޮތަށް ހިނގަމުން އައީ ކުރިން. ޓައް ކިޔާފައި ބަދަލުވީ ފެމެލީ އެއްޗަކަށް. ވަން މޭން ޝޯ އަކަށް ދެން ވާނީ،". ޖާބިރު ވިދާޅުވި އެވެ. 

ސިޔާސީ ތަފާތު ހިޔާލުތަކަށް ފުރުސަތުދީގެން އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރާތަން މިހާރު ނުފެންނަކަމަށް ޖާބިރު ވިދާޅުވި އެވެ. 

އެމްޑީޕީގެ އިސް މަގާމުތަކުގައި ވަކި ބަޔަކަށް ތިބެވޭނެގޮތަށް ކަންކަން ބައްޓަންކުރަމުންދާތަން ފެންނަކަމަށް ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ ރައީސް ނަޝީދު ވެސް މިފަހުން އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވީ އެ ފުރުސަތާއި ހަމަހަމަކަން އެމްޑީޕީގެ ތެރޭގައި ނެތުމުން ކަމަށެވެ. ޖާބިރު މިފަދައިން ވިދާޅުވި އިރު އޭރުގެ އެމްޑީޕީ ސަރުކާރާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމުގައި އެމްޑީޕީއާ ފެޔަށްޖެހިވަޑައިގެން އައު ޕާޓީ އެއް އުފައްދަވައިގެން މަސައްކަތް ކުރެއްވި ނަމަވެސް މިހާރު ރައީސް ނަޝީދު ވަނީ އަލު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

"ބަޔަކު މީހުން މިހަރުވެސް އުޅެނީ ރައްޔިތުން ޝާމިލުކޮށްގެން އެމީހުންގެ އަތުން ގެއްލިފައިވާ ބާރުވެރިކަން ހޯދަން. ރައްޔިތުން ބައިވެރިއެއް ނުވާނެ. މިއަދު މި ފެއްޓެވި ދަތުރާއެކު ފައްޔާޒުގެ މެމްބަރުކަން ގެއްލިގެންދާތަން ފެންނަނީ. ރައީސް ނަޝީދަށްވެސް ވީ އެހެން ނޫންތޯ،". އެމްޑީޕީގެ މާޒީއަށް ބައްލަވަމުން ސިޔާސީ ދާއިރާގެ ގިނަ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޖާބިރު ވިދާޅުވި އެވެ. 

މީގެ ދެ އަހަރު ފަހުން 2028 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ފައްޔާޒަށް ތާއީދު ކުރައްވަން ނަޝީދު ނިންމެވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް ވާދަ ކުރައްވާ ނަމަ އޭނާ ވެގެންދާނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ހަ ވަނަ ބޭފުޅާއަށެވެ. 

އެމްޑީޕީ އިން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ތިން ބޭފުޅަކު ވާދަ ކުރެއްވި އެވެ. އެއީ ނަޝީދުގެ އިތުރުން ޑރ. މުހައްމަދު މުނައްވަރާއި މޫސާ މަނިކު (ރީކޯ މޫސަ) އެވެ. 

އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ޕްރައިމަރީގައި ވެސް ވާދަ ކުރެއްވީ ނަޝީދު އެކަންޏެވެ. އެފަހަރު ކުރީގެ ސޯލިހަށް ރިޔާސީ ޓީކެޓު ދީފައި ވަނީ ޕާޓީގެ ކޮންގްރެހުންނެވެ. 

އެންމެފަހުން 2023 ގައި ބޭއްވި ޕްރައިމަރީގައި ވާދަ ކުރެއްވީ ސޯލިހާއި ނަޝީދެވެ. އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސޯލިހެވެ. 

ކިޔުންތެރިންގެ ހިޔާލު