ENGLISH

20 އޭޕްރީލު 2026

Advertisement

އޭއައި ރެގިއުލޭޓު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅަނީ

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އޭއައި ރެގިއުލޭޓު ކުރަން މަޖިލީހަށް ބިލެއް ހުށަހަޅާނެކަން ރައީސްވަނީ ހާމަކުރައްވާފައި.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓުކުރަން ބޭނުންވާ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދާއިރު އޭއައިއަކީ ބަލައިގަންނަ ގާނޫނީ ހައިސިއްޔަތު ލިބިދީފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. ސަރުކާރުގެ ޑިިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ތިން ބިލެއް މަޖިލީހަށް ހުށަހަޅާއިރު އޭގެ ތެރޭގައި ހިމަނައިގެން ވިޔަސް އަދި ވަކިން ވިޔަސް އޭއައިއާ ބެހޭ ބިލެއް ހުށަހެޅުމުގެ ވިސްނުން ގެންގުޅުއްވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"މަޖިލީހަށް އޭއައިއާ ބެހޭ ބިލެއް ވަރަށް އަވަހަށްދާނެ. އޭއައި އެމްބްރޭސް ކުރާއިރު "ބަލައިގަންނައިރު" އޭއައިއަކީ ގާނޫނީ ނިޒާމެއްގެ ތެރެއަށް ވަދެގެންދާ، ރެގިއުލޭޓު ކުރެވޭ ނޫނީ އެއާ ގުޅޭ ކަންކަން ބަޔާން ކުރެވިފައިވާ ކަމަކަށް ވާންޖެހޭ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދަޅުވީ އޭއައިއާ ބެހޭ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އަސްލެއް ނެތް ތަކެތި ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންދިނުމުގެ މައްސަލަތައް ރާއްޖޭގައި ވެސް މިހާރު އަންނަނީ އާންމުވަމުން ނެވެ.

"މޯލްޑިވްސް 2.0" މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު