ENGLISH

20 އޭޕްރީލު 2026

Advertisement

ވަޒީފާ ދިނުމުގައި އިސްކަންދޭނީ ތައުލީމާއި ތަޖުރިބާއަށް: ރައީސް

20 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް

ވަޒީފާ ދިނުމުގައި އިސްކަންދޭނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި، އެ ނަތީޖާއަށް ބިނާކުރައްވައި ސަރުކާރު ހިންގުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަވާނޭކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ސައިޒާއި ޚަރަދުތައް ކުޑަކޮށް، މީހުން ޢައްޔަންކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚާއްޞަކޮށް މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން ޢައްޔަންކުރެވޭ މަޤާމުތައް ހުރެގެން ނުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ނުވަތަ ސިޔާސީ ފަރާތަކާއި ގުޅިގެން ވަޒީފާ ދިނުން މިހާރު މި ޤައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމެއް. މިއޮތީ ރައްޔިތުން ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް. ދެންމެ މި ދެންނެވި ގޮތަށް ކުރިމަތިލައިން އެމީހާގެ ސީވީއަށް ބަލައި މެރިޓް ދެން އެއްވެސް އެސްއޯއީއަކުންވެސް މިނިސްޓްރީ އަކުންވެސް މުވައްޒަފުން ނަގައިގެން ނުވާނެ،". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ވުޒާރާތަކަށް މީހުން ޢައްޔަންކުރުމުގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތް ތަނުގައި ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ކޮންމެހެން ޢައްޔަންކުރައްވަން ޖެހިވަޑައިގެންފި ޙާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑުގެ ވިސްނުމުގައި ކުރިއަށް އޮތްތާނގައި ނެތް އެއްގޮތަކަށްވެސް މިސާލަކަށް ސްޓޭޓް މިނިސްޓްރަކަށް މީހަކު ކޮންމެހެން ލާން ޖެހިއްޖިއްޔާ ލާންޖެހޭ ފަހަރެއްގައި އެމީހެއްގެ އަތުގައި މާސްޓާސް ޑިގްރީއެއް އޮތުން. ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން ލާންޖެހޭ ހާލަތެއްގައި އެމީހެއްގެ އަތުގައި ޑިގްރީއެއް އޮތްތޯ ބެލުން، މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން ވިސްނަވާފައި މިއޮތީ،" ރައީސް ވިދާޅުވި އެވެ. 

ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ހިންގުން ހަރުދަނާ ކުރެއްވުމަށް މިހާރު ފިޔަވަޅު އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުން ހަރުދަނާ ކުރުމަށްވެސް ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ވަޒީރުންގެ މަޖިލިސް 15 ބޭފުޅުންނަށް ވަނީ މިހާރު ކުޑަކުރައްވާފަ އެވެ. އަދި މި ނޫނަސް މުހިންމު އެތައް ބަދަލުތަކެއް ދަނީ ގެންނަވަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު