ENGLISH
19 އޭޕްރީލު 2025
ވުލްފްސްބާގް އަތުން ބަޔާން އަށް އުނދަގޫ މޮޅެއް
19 ޖެނުއަރީ 2025
|
ބަޔާންއާ ވުލްފްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް އަތުން 3-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެ، ލީޑު ދަމަހައްޓައިފިއެވެ.
މި ނަތީޖާއާ އެކު، ބަޔާން އެއްވަނައިގައި އުޅެނީ 18 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އޮތްއިރު، ތިންވަނައިގައި އުޅޭ އެއިންޓްރަކްޓް ފްރެންކްފާޓަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.
އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ލެއޮން ގޮރެޓްޒްކާގެ ގޯލުންނެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް، ވުލްފްސްބާގަށް އެއްވަރުކޮށްދިނީ މުޙައްމަދު އަމޫރާ އެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް، މައިކަލް އޮލީސޭ ވައްދާލި ލަނޑާއެކު ބަޔާނުން ހާފު ނިންމާލީ 2-1 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ގޮރެޓްޒްކާ އެވެ. މި ގޯލާއެކު، މެޗު ނިމެންދަނިކޮށް، އަމޫރާ ވަނީ ވުލްފްސްބާގަށް އިތުރު ގޯލެއްޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ.
ލެވަކޫސަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމު ވަނީ 3-1 އިން ބޮރޫޝިއާ މުންޗެންގްލަޑްބަކް ބަލިކޮށްފައެވެ. މި މެޗުގައި ލެވަކޫސަނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ފްލޮރިއަން ވާޓްޒް އެވެ. މީގެތެރެއިން، އެއް ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ޕެޓްރިކް ޝިކް އެވެ.
ގްލަޑްބަކްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޓިމް ކްލެއިންޑިއެންސްޓް އެވެ.
މި މެޗުން ބަލިވި ގްލަޑްބަކް އޮތީ ތާވަލްގެ 11 ވަނައިގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.