ENGLISH
20 އޭޕްރީލު 2026
ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
16 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ސަޢޫދީ ޢަރަބިއްޔާގެ ރަދުން ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުގެ ފަރާތުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރައްވައިފިއެވެ.
ފަންސާސް ޓަނުގެ ކަދުރު ދިވެހި ސަރުކާރާ ރަސްމީކޮށް ޙަވާލުކުރުމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން ކަދުރު ހަދިޔާކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމްގަދަ ޔަޙްޔާ ބިން ޢަލީ އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ޙަވާލުވެލެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި އެހީއާ ގުޅޭގޮތުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، 2004 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 22 އަހަރު ދުވަހުގެ ތެރޭގައި ސަޢޫދީ ސަރުކާރުން އަންނަނީ މެދުކެނޑުމެއްނެތި ރާއްޖެއަށް މި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އަދި އުޚުއްވަތްތެރި ގުޅުމުގެ ރަމްޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަޢޫދީ ސަރުކާރާއި ރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެ ކުރިންވެސް ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެ ކަދުރުތައް އެކި މުއައްސަސާތަކަށާއި ދާއިރާތަކަށް ބަހައިފައެވެ.