ENGLISH
20 އޭޕްރީލު 2026
މެދުއިރުމަތީގެ މައްސަލައިގައި ޙައްލެއް ހޯދުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢަށް މަޖިލީހުގެ ރައީސް ގޮވާލައްވައިފި
16 އޭޕްރީލު 2026
|
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މަޖިލިސް
އެންމެ މަޤްބޫލު
ތުރުކީވިލާތުގެ އިސްތަންބޫލްގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 152 ވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ނަން-އެލައިންޑް މޫވްމެންޓް (ނާމް) ޕާލިމެންޓަރީ ނެޓްވޯކްގެ 5 ވަނަ ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ތަޤުރީރު ކުރައްވައިފިއެވެ.
މި ތަޤުރީރުގައި އެމަނިކުފާނު ވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ކާރިސާތަކާއި އިޤްތިޞާދީ ހީނަރުކަމަށް އިޝާރާތްކުރައްވައި، މަޝްވަރާގެ މަގުން ސުލްހަވެރި ޙައްލެއް ހޯދުމަށް މުޅި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް އިލްތިމާސްކުރެއްވުމުގެ އިތުރުން، "ނޮން-އެލައިންޑް މޫވްމަންޓްގެ ސަރަޙައްދުތަކުގައި މޫސުމީ ބަދަލުތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގައި މަޖިލިސްތަކުގެ ދައުރު" މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމުގެ އިތުރުން ފެންބޮޑުވުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ޙައްލުތަކެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ތިމާވެށި ޙިމާޔަތްކުރުމަށާއި މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި ހަރުދަނާ ޤާނޫނީ އޮނިގަނޑުތަކެއް ބިނާކުރުމުގައި މަޖިލިސްތަކުން އަދާކުރާ އިސް ދައުރަށް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބިން ބޭނުންކުރުމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމާއި، ޤައުމީ ތަރައްޤީގެ މަރުޙަލާގައި މޫސުމީ ކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރު ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ ކޮމިޓީތަކާއި، ބަޖެޓް ދިރާސާކުރުމުގެ މަރުޙަލާގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. މިފަދަ ނިޒާމުތަކުގެ ތެރެއިން ބޯހިޔާވަހިކަމާއި، ދަތުރުފަތުރާއި، ފެނާއި ނަރުދަމާގެ އިތުރުން ހަކަތައާއި ކުނި މެނޭޖުކުރުން ފަދަ އަސާސީ ދާއިރާތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ކަންކަންކަމުގައި ކަށަވަރުކުރެވޭނެކަން މަޖްލިސް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަޤުވާމީ މޫސުމީ ފަންޑުތަކުގެ އެހީތެރިކަން ހޯދުމަށާއި، ތިމާވެއްޓާ ރައްޓެހި ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން މަގުފަހިކޮށްދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި، އުންމީދީ މުސްތަޤުބަލެއް ބިނާކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކުގެ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވިއެވެ.