ENGLISH

20 އޭޕްރީލު 2026

Advertisement

ދުޅަހެޔޮ އާދަތައް އަށަގެންނެވުމަށް ބީއެމްއެލް އިން "ވީރަން" އާއެކު އެއްބަސްވުމަކަށް

16 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ބީއެމްއެލްއިން "ވީރަން" އާއެކު ވީ އެއްބަސްވުމުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 'ވީރަން މޯލްޑިވްސް' އާއެކު ޚާއްޞަ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކުރީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މިއަދު މީޑިއާތަކާ ޙިއްޞާކުރި މަޢުލޫމާތުގައެވެ. 

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ކުންފުނިތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި މަދަނީ ޖަމިއްޔާތަކުގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމަށް 'ވީރަން މޯލްޑިވްސް' އިން އިންތިޒާމުކުރާ 'ކޯޕަރޭޓް ރަން' އަށް އެއްބާރުލުން ދިނުމެވެ.

މި އިސްތިރާޖީ ބައިވެރިވުމުގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މި ހަރަކާތް ރޭވުމާއި، އިންތިޒާމުކުރުމާއި، އަދި އިޝްތިހާރުކޮށް ކުރިއެރުވުމުގައި ބޭންކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެއެވެ.

'ވީރަން މޯލްޑިވްސް' އިން ބާއްވާ މި ސިލްސިލާގެ ފުރަތަމަ ދުވުން މިއަހަރުގެ ތެރޭގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެކި ދާއިރާތަކުގެ ކުންފުނިތަކާއި މުއައްސަސާތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ރިލޭ ރޭހެކެވެ. މިގޮތުން ކޮންމެ ޓީމެއްގައި 5 ދުވުންތެރިން ހިމެނޭއިރު، ކޮންމެ ބައިވެރިއަކުވެސް 1 ކިލޯމީޓަރުގެ ރާސްތާއެއް ކަޑަތުކުރަންޖެހޭނެއެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ވާދަވެރިކަމެއް ނޫން ކަމަށާއި، މިއީ މަސައްކަތުގެ މާހައުލުގައި ޓީމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. 

ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި، އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ އިސްތިރާޖީ ބައިވެރިވުންތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ މުއައްސަސާއެއްގެ ގޮތުގައި ބީއެމްއެލް ދެމިއޮންނާނެ ކަމަށް އެ ބޭންކުން އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

ޚާއްޞަކޮށް ޒުވާނުން ބާރުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގެ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން، މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކުރުމަށް ބޭންކުން މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު