ENGLISH

19 އޭޕްރީލު 2025

Advertisement

އެޓަލާންޓާ އަތުން ނަޕޯލީ އަށް މުހިއްމު މޮޅެއް، މިލާން ބަލިކޮށް ޔުވެންޓަސް ގަދަ ހަތަރަކަށް

19 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނަޕޯލީގެ ލުކާކޫ (ކ) އާއި މެކްޓޮމިނޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އެޓަލާންޓާ އަތުން 3-2 އިން ނަޕޯލީ މޮޅުވެ، ތާވަލްގެ ކުރީގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

މި ނަތީޖާއާއެކު، ނަޕޯލީ އެއްވަނައިގައި އުޅެނީ 21 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އިންޓަރ މިލާން އޮތްއިރު، ތިންވަނައިގައި އޮތް އެޓަލާންޓާ އަށް ލިބިފައިވަނީ 21 މެޗުން 43 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ 21 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މަޓެއޯ ރެޓޭގީ އެވެ. އޭގެފަހުން، ނަޕޯލީން ވަނީ 27 ވަނަ މިނެޓުގައި މަޓެއޯ ޕޮލިޓާނޯގެ ލަނޑުން އެއްވަރުކުރުމަށް ފަހު، ފުރަތަމަ ހާފު ނިމެންދަނިކޮށް ސްކޮޓް މެކްޓޮމިނޭ ވައްދާލި ލަނޑާއެކު، 2-1 އިން ލީޑު ނަގައިފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، އަޑެމޯލާ ލުކްމަންގެ ގޯލުން އެޓަލާންޓާ އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ 78 ވަނަ މިނެޓުގައި ނަޕޯލީ މޮޅުވި ލަނޑުޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.

މި މުބާރާތުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ވަނީ 2-0 އިން އޭސީ މިލާން ބަލިކޮށްފައެވެ. މި މެޗުން ޔުވެންޓަސް މޮޅުކޮށްދިނީ ދެވަނަ ހާފުގެ ކުޅުމުގެ ފަސް މިނެޓުގެ ތެރޭގައި ސެމުއެލް އެމްބަންގުލާ އާއި ޓިމޮތީ ވެއާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މި މެޗުން ބަލިވި މިލާން އޮތީ ތާވަލްގެ 8 ވަނައިގައެވެ. މިލާނަށް 20 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު