ENGLISH
19 އޭޕްރީލު 2025
ޖެނޯއާ އަތުން ރޯމާ އަށް މުހިއްމު މޮޅެއް
18 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ރޯމާ އަށް ލަނޑުޖަހައިދިނުމަށްފަހު އެލް ޝާރާވީ (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ޖެނޯއާ އަތުން 3-1 ގެ ނަތީޖާއަކުން އޭއެސް ރޯމާ މޮޅުވެއްޖެއެވެ.
މިއީ ލީގުގައި ރޯމާ އިން ބަލިނުވެ ފުރިހަމަކުރި ފަސްވަނަ މެޗެވެ. މީގެތެރެއިން ތިން މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ. އަނެއްކޮޅުން، މިއީ ޖެނޯއާ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ. ދެ މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރޯމާގެ ޔޫކްރޭން ފޯވާޑް، އާޓެމް ޑޮވްބީކްގެ ގޯލުން އެ ޓީމު ލީޑު ނަގާފައިވަނިކޮށް، ޖެނޯއާގެ ޕެޓްރީޒިއޯ މަސީނީ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ފަހު ހާފުގައި ރޯމާ އިން ޖެހި ދެލަނޑުގެ ތެރެއިން އެއް ގޯލަކީ ޖެނޯއާގެ ގޯލްކީޕަރު، ނިކޮލާ ލެއަލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ސްޓެފަން އެލް ޝާރާވީ އެވެ.
މި ނަތީޖާއާ އެކު، ރޯމާ ވަނީ ތާވަލްގެ ނުވަވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
މި މެޗުން ބަލިވި ޖެނޯއާ އޮތީ ރޯމާ އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުން ތާވަލްގެ 11 ވަނައިގައެވެ.
މި މުބާރާތުގައި ރޯމާ ދެން ކުޅޭ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އުދިނޭޒީއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން، ލީގުގައި އަމިއްލަ ދަނޑުގައި ޖެނޯއާ ނުކުންނާނީ މޮންޒާއާ ދެކޮޅަށެވެ.