ENGLISH

19 އޭޕްރީލު 2025

Advertisement

މަރްމޫޝް ގަތުމަށް ސިޓީ އާއި ފްރެންކްފާޓުން އެއްބަސްވުމަކަށް

17 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ފްރެންކްފާޓްގެ ފޯވާޑް، މަރްމޫޝް. --ފޮޓޯ: ގެޓީ އިމޭޖަސް

މިސްރުގެ ފޯވާޑް، އޮމަރް މަރްމޫޝް ގަތުމަށް މެންޗެސްޓަރ ސިޓީން އޭނާގެ ކުލަބު އެއިންޓްރަކްޓް ފްރެންކްފާޓްއާއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު މަރްމޫޝް ހޯދުމަށް ސިޓީން ހުށަހެޅި ބިޑެއް ފްރެންކްފާޓުން އަނބުރާ ފޮނުވާލައިފައިވާއިރު، ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުއްމީދު އެބައޮތް ކަމަށް ނޫސްތަކުން އޭރު ވަނީ ބުނެފައެވެ.

މި ދެ ޓީމު އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށްފަހު އުމުރުން 25 އަހަރުގެ މަރްމޫޝް ގަތުމަށް އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ނޫސްތަކުން ބުނެފައިވީ ނަމަވެސް، ފްރެންކްފާޓުން ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފްރެންކްފާޓުން މަރްމޫޝް ވިއްކާލުމަށް ބޭނުންވަނީ ގާތްގަނޑަކަށް 80 މިލިއަން ޔޫރޯ (82 މިލިއަން އެމެރިކާ ޑޮލަރު) އަށެވެ. އެހެންނަމަވެސް، ސިޓީން އެންމެ ފުރަތަމަ ދޭން ބޭނުންވީ 60 މިލިއަން ޔޫރޯ (61.5 މިލިއަން އެމެރިކާ ޑޮލަރު) އާ ކައިރި ކުރާ އަދަދެއް ކަމަށް މީޑިއާ ޚަބަރުތައް ބުނެއެވެ.

ސިޓީން މަރްމޫޝް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ފްރެންކްފާޓް އާއެކު ޓްރާންސްފަރ ފީ އަކަށް އެއްބަސްވުން ފިޔަވައި، އެހެން ހުރިހާ ޝަރުތުތަކުގައި ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

ދެހާސް ތޭވީސްވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރގައި ޖަރުމަނުގެ ވުލްފްސްބާގުން ފްރެންކްފާޓަށް ބަދަލުވި، މަރްމޫޝް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ފްރެންކްފާޓަށް މިހާތަނަށް ކުޅެދިން 67 މެޗުގައި 37 ލަނޑު ޖަހައިފައެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި މަރްމޫޝް ވަނީ ލީގުގައި އެންމެ ފަހުން ފްރެއިބާގް އަތުން 4-1 އިން ފްރެންކްފާޓް މޮޅުވި މެޗުގައި ވެސް ލަނޑު ޖަހައިފައެވެ. މިއާއެކު، ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 15 އަށް އަރައިފައެވެ.

ސިޓީން ފޯވާޑެއް ގެނައުމުގެ މަސައްކަތް ފެށީ، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި އާޖެންޓީނާގެ ފޯވާޑް، ހޫލިއަން އަލްވަރޭޒް އެ ޓީމު ދޫކޮށްލުމަށްފަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމުން، ފޯވާޑްލައިނަށް ލަނޑު ޖެހުމުގައި ކުރިމަތިވި ދަތިތަކުން އަރައިގަތުމުގެ ގޮތުންނެވެ. މިދިޔަ އަހަރުތަކުގައި މޮޅު ކުޅުމެއްދެއްކި ސިޓީގެ ނޯވޭ ފޯވާޑް، އާލިން ހާލަންޑަށް ފަހަކަށްއައިސް އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތްނުވެ، ވަނީ ފޯމު ގެއްލިފައެވެ.

ދާދިފަހުން ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ވަނީ، މި ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި ކުޅުންތެރިން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން، އެ ޓީމުން މިހާތަނަށްއައިއިރު ވަނީ، ލޯންސްގެ އުޒްބެކިސްތާންގެ ޑިފެންޑަރު، އަބްދުކޮދީރު ކުސަނޯފްގެ އިތުރުން ޕަލްމެއިރާސްގެ ޒުވާން ޑިފެންޑަރު، ވިޓޯ ރެއިސް ގަތުމަށް އެ ދެ ކުލަބާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

މިދިޔަ ހަތަރު އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދި ސިޓީ މި ވަގުތު އޮތީ ލީގުގެ ހަވަނައިގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ލީގުގައި އެ ޓީމު ދެން ކުޅޭ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު