ENGLISH
19 އޭޕްރީލު 2025
އެންޑްރިކްގެ ދެ ލަނޑާއެކު، ސެލްޓާ ބަލިކޮށް ރެއާލް ކުއާޓަރ އަށް
17 ޖެނުއަރީ 2025
|
ސެލްޓާ ކޮޅަށް ލަނޑުޖެހުމަށްފަހު އެންޑްރިކް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި ޖެހި ލަނޑުތަކުން، ސެލްޓާ ވިގޯ 5-2 އިން ބަލިކޮށް، ރެއާލް މެޑްރިޑް ކޮޕަ ޑެލް ރޭ ގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ފްރާންސްގެ ތަރި، ކީލިއަން އެމްބާޕޭ އާއި ދެވަނަ ހާފުގެ ކުރީކޮޅު ބްރެޒިލްގެ ތަރި، ވިނީޝިއުސް ޖޫނިއާ ވައްދާލި ލަނޑުން އެ ޓީމުން 2-0 ގެ ލީޑެއް ނެގިއެވެ.
ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ ފަހު 10 މިނެޓުގެ ތެރޭގައި ސެލްޓާ އިން ވަނީ ދެ ލަނޑުޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ޖޮނަތަން ބަމްބާ އާއި މާކަސް އަލޮންސޯ އެވެ. އަލޮންސޯ ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ރެއާލުން ވަނީ ތިން ލަނޑު ޖަހައިފައެވެ.
ރެއާލްގެ ފަހު ތިން ލަނޑު ވެސް ޖެހީ އިތުރު ވަގުތުގެ ފަހު ހާފުގައެވެ. އޭގެތެރެއިން ދެ ގޯލް ޖަހައިދިނީ އެންޑްރިކް އެވެ. އަނެއް ލަނޑުޖެހީ ފެޑެރީކޯ ވަލްވާޑޭ އެވެ.
މި އަހަރުގެ ކޮޕަ ޑެލް ރޭ ގެ ދެވަނަ ބުރުގެ މެޗުތަކަށް ފަހު، ރެއާލްގެ އިތުރުން، ކުއާޓަރ އަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ؛ އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ، ގެޓަފޭ، ލެގަނޭސް، ވެލެންސިއާ، އޮސަސޫނާ އަދި ރެއާލް ސޮސިއެޑާޑް އެވެ. މި މުބާރާތުގެ ގުރުއަތުލުން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.