ENGLISH

20 އޭޕްރީލު 2026

Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވިއްކި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި

20 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ތުހުމަތު އޮތް މީހާ --

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކި ކަމަށް ތުހުމަތު ކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މޫނިމާގެ / ތ.ވިލުފުށި، އާދަމް ޢަދްލާން ލަޠީފް (22އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭޕްރީލް 5 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި މުއްދަތު ހަމަވާނީ އޭޕްރީލް 21 އަށެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ، ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓް އެޑްރެހެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ ގަނެ ވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، މި ވޮލެޓުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ތުހުމަތު އޮތް މައްސަލައިގެ ތަހުގީގަށް އޭނާގެ އަތުން ހިފެހެއްޓި އިލެކްޓްރޯނިކް ވަސީލަތްތަކުގެ ފޮރެންސިކް ތަހުލީލުތައް ހެދިއިރު، ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ އެ ތަކެތިން ވަނީ ފެނިފަ އެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައްވެސް ހިމެނެ އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ.

ކުޑަކުދިންގެ ކަރާމާތަށް އުނިކަންލިބޭ ގޮތަށް އެކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، މިފަދަ އަނިޔާ ލިބޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ހޯދައި އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެންހުރި އެންމެހައި މަސައްކަތްތައް ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުންދާނެކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު