ENGLISH
06 ޖޫން 2025
އަމަދުގެ ހެޓްރިކާއެކު ސައުތެމްޓަން އަތުން ޔުނައިޓެޑަށް މުހިއްމު މޮޅެއް
17 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އަމަދު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ސައުތެމްޓަން 3-1 އިން ބަލިކޮށް، މެންޗެސްޓަރ ޔުނައިޓެޑްގެ މޮޅުނުވުމުގެ ސިލްސިލާ އަށް ނިމުން ގެނެސްފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން ތިން މެޗުން ބަލިވިއިރު، އެއް މެޗުން ވީ އެއްވަރެވެ. އަދި މިއީ، ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ފުރިހަމަ ވަގުތުގެ ތެރޭގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރުވެސް މެއެވެ.
އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މެޗުގައި ސައުތެމްޓަނުން ލީޑު ނެގީ ޔުނައިޓެޑްގެ މިޑްފީލްޑަރު، މެނުއެލް އުގާޓޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މި ގޯލާއެކު ސައުތެމްޓަނުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް، ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ އަމަދު ޑިއާލޯ އެވެ. އޭގެފަހުން، މެޗުގެ 90 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ދިން ހިތްގައިމު ބޯޅައަކުން އަމަދު ވަނީ އިތުރު ގޯލެއްޖަހައި، ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.
މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަމަދު ވަނީ ހެޓްރިކް ފުރިހަމަކޮށް، ޔުނައިޓެޑަށް މޮޅު ކަށަވަރުކޮށްދީފައެވެ. މި ގޯލާއެކު އަމަދު ވަނީ ލީގުގެ މެޗެއްގައި ޔުނައިޓެޑަށް ހެޓްރިކް ހެދި ދެވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ރެކޯޑް އޮތީ ޔުނައިޓެޑްގެ ލެޖެންޑަރީ ފޯވާޑް، ވޭން ރޫނީ އަތުގައެވެ.
މި ނަތީޖާއާއެކު، ޔުނައިޓެޑް ވަނީ ލީގުގެ 12 ވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.
މި މެޗުން ބަލިވި ސައުތެމްޓަން އޮތީ ލީގުގެ އެންމެ ފުލުގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އިޕްސްވިޗް ޓައުންގެ ދަނޑުގައި އެ ޓީމު އަތުން ބްރައިޓަން މޮޅުވީ 2-0 އިންނެވެ.