ENGLISH

19 އޭޕްރީލު 2025

Advertisement

ހޮފެންހެއިމް އަތުން ހޯދި ބޮޑު މޮޅާއެކު ބަޔާނުން ލީޑު ދަމަހައްޓައިފި

16 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ކޭން (ކ) އާއި ނެބްރީ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ހޮފެންހެއިމް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ބަޔާން މިއުނިކު ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ.

މި ނަތީޖާއާއެކު، ބަޔާން އެއްވަނައިގައި އުޅެނީ 17 މެޗުން 42 ޕޮއިންޓާއެކު އެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި ބަޔާ ލެވަކޫސަން އޮތްއިރު، ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް ލިބިފައިވަނީ 17 މެޗުން 33 ޕޮއިންޓެވެ.

އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ބަޔާނުން ލީޑު ނެގީ ތޯމަސް މުލާ ދިން ބޯޅައަކުން ލެރޯއީ ސާނޭ ވައްދާލި ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން، ރަފައެލް ގުރޭރޯ ވަނީ ބަޔާންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން އެވެ. މިއީ ލީގުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކޭން، ހުރިހާ މުބާރާތެއް ހިމެނޭ ގޮތަށް ކާމިޔާބުކުރި 16 ވަނަ ގޯލެވެ. މި ގޯލާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ސާނޭ ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ބަޔާންގެ ފަހު ލަނޑު ޖަހައިދިނީ ސާޖް ނެބްރީ އެވެ.

މި މެޗުން ބަލިވި ހޮފެންހެއިމް އޮތީ 16 ވަނައިގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު