ENGLISH

19 އޭޕްރީލު 2025

Advertisement

ބޮލޯނިއާ އަތުން މޮޅުނުވެވި، އިންޓަރ ފުރުޞަތު ނަގާލައިފި

16 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އިންޓަރއާ ބޮލޯނިއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން އެއްވަރުވެ، ތާވަލްގެ އެއްވަނައިގައި އުޅޭ ނަޕޯލީއާ ދެމެދު އޮތް ފަރަގު ކުޑަކުރަން އިންޓަރ މިލާނަށް ލިބުނު ފުރުޞަތު ނަގާލައިފިއެވެ.

މި ނަތީޖާއާއެކު، އިންޓަރ އަދިވެސް އުޅެނީ ތާވަލްގެ ދެވަނައިގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ. އެއް މެޗު އިތުރަށް ކުޅެގެން ނަޕޯލީ އެއްވަނައިގައި އޮތީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް 20 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

އިންޓަރގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ހީކުރި ގޮތާ ޚިލާފަށް ލީޑު ނެގީ ބޮލޯނިއާއިންނެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ސަންޓިއާގޯ ކާސްޓްރޯ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް، އިންޓަރ އަށް އެއްވަރުކޮށްދިނީ ޑެންޒެލް ޑަމްފްރީސް އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަރ އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް އެވެ. އޭގެފަހުން، ބޮލޯނިއާ އަށް އެއްވަރުކޮށްދިނީ އެމީލް ހޮލްމް އެވެ.

ލީގުގައި އިންޓަރ އަށް ދެން އޮތީ އެމްޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ބޮލޯނިއާ ދެން ކުޅޭ މެޗުގައި ނުކުންނާނީ ފުލުގައި އުޅޭ މޮންޒާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު