ENGLISH

19 އޭޕްރީލު 2025

Advertisement

ޓޮޓްނަމް ބަލިކޮށް، އާސެނަލުން ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

16 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އާސެނަލްގެ ޓްރޮސާޑް (ކ) ޓޮޓްނަމްގެ ގޯލަށް އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު 'އުތުރު ލަންޑަން ޑާބީ' ގައި ފަހަތުން އަރައި، 2-1 އިން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް، އާސެނަލުން ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

މިއީ ހުރިހާ މުބާރާތެއް ހިމެނޭގޮތަށް އާސެނަލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. ދެ މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މި ނަތީޖާއާއެކު، އާސެނަލް ދެވަނައިގައި އޮތީ 21 މެޗުން 43 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި އުޅޭ ލިވަޕޫލަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓަށް 21 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި ޓޮޓްނަމްގެ ކެޕްޓަން، ސޮން ހެއުން-މިން އެއް ފަހަރުން ފޮނުވާލައިގެން ކާމިޔާބުކޮށްދިން ގޯލާއެކު އެ ޓީމުން ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އާސެނަލުން އެއްވަރުކުރި ލަނޑަކީ ޓޮޓްނަމްގެ ފޯވާޑް، ޑޮމިނިކް ސޮލާންކޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ އާސެނަލުން ނެގި ކޯނަރެއްގެ އެހީގައި އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު، ގެބްރިއެލް މަގާޅައެސް ބޮލުން ޖައްސާލި ބޯޅައެއް ޓޮޓްނަމްގެ ސޮލާންކޭގެ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

އޭގެފަހުން، މެޗުގެ 44 ވަނަ މިނެޓުގައި އާސެނަލް މޮޅުވި ލަނޑު ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑް އެވެ. މިއީ ޓޮޓްނަމްގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު، އާސެނަލްގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ބޯޅައަކުން ޓްރޮސާޑް ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގައި އާސެނަލްގެ ލީޑު ފުޅާކޮށްދޭން އެ ޓީމުގެ ކެޕްޓަން، އޮޑެގާޑްގެ އިތުރުން ކައި ހަވާޓްޒް ފޮނުވާލި ހަމަލާތަކުގައި ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު ވަނީ 3-0 އިން ވުލްވްސް ބަލިކޮށްފައެވެ. ރަށުން ބޭރުގައި އެވަޓަން އަތުން އެސްޓަން ވިލާ 1-0 އިން މޮޅުވިއިރު، ލެސްޓަރ ސިޓީގެ ދަނޑުގައި ކްރިސްޓަލް ޕެލަސް މޮޅުވީ 2-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު