ENGLISH
19 އޭޕްރީލު 2025
ޖޮކޮވިޗް، ދެވަނަ ބުރުގައި ހޯދީ މޮޅާއެކު ފެޑެރާގެ ރެކޯޑެއް މުގުރާލައިފި
15 ޖެނުއަރީ 2025
|
އޮސްޓްރޭލިއަން އޯޕަންގެ މެޗަކުން މޮޅުވުމަށްފަހު ޖޮކޮވިޗް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލްގެ ހައިމޭ ފާރިއާ އަތުން މޮޅުވެ، ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ ރޮޖާ ފެޑެރާގެ ރެކޯޑެއް މުގުރާލައިފައެވެ.
އުމުރުން 37 އަހަރުގެ ޖޮކޮވިޗް މުގުރާލައިފައިވަނީ، ބޮޑެތި މުބާރާތްތަކުގައި އެންމެ ގިނަ ސިންގަލްސް މެޗު ކުޅެގެން ޓެނިސް ލެޖެންޑް، ފެޑެރާ ހަދާފައިވާ ރެކޯޑެކެވެ.
މެލްބަން ޕާކްގައި ހުންނަ ރޮޑް ލޭވާ އެރީނާގައި ކުޅުނު ދެވަނަ ބުރުގެ މެޗުގައި ފާރިއާ އަތުން 3-1 ސެޓުން ހޯދީ މޮޅަކީ، ގްރޭންޑް ސްލޭމް މުބާރާތްތަކުގައި ކުޅުނު 430 ވަނަ މެޗެވެ.
މި މެޗުގެ ސެޓުތައް ކުރީގެ އެއްވަނަ ކުޅުންތެރިޔާ، ޖޮކޮވިޗް ކާމިޔާބުކުރީ 6-1، 6-7 (7-4)، 3-6، އަދި 6-2 އިންނެވެ.
މީގެކުރީން، ފެޑެރާ (ކ) އާ ދެކޮޅަށް ޖޮކޮވިޗް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް
"އަހަރެން މި ކުޅިވަރު ދެކެ ވަރަށް ލޯބިވޭ. ވާދަވެރިކަމަށް ވެސް ލޯބިކުރަން،" މެޗަށްފަހު އެ ރެކޯޑާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ޖޮކޮވިޗް ބުންޏެވެ.
މި މޮޅާއެކު، އަންހެން އަދި ފިރިހެން ކުޅުންތެރިން ހިމެނޭ ގޮތަށް ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގެ ސިންގަލްސް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑަކީ ޖޮކޮވިޗްގެ މިލްކެކެވެ. ކުރީން، މި ރެކޯޑް އޮތް ފެޑެރާގެ އެންމެ ފަހުގެ ފެނިލުމަކީ 2021 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ މެޗެކެވެ.
ޖޮކޮވިޗް ބުނީ، ޓެނިސް ކޯޓަށް ކުޅެން ނުކުންނަ ކޮންމެ ފަހަރަކު އޭނާ މަސައްކަތްކުރަނީ ވީ އެންމެ ރަނގަޅަށް ކުޅުމަށް ކަމަށެވެ. މިދިޔަ ވިއްސަކަށް އަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އެންމެ މަތީ ފަންތީގައި ވާދަކޮށްފައިވާކަން ވެސް ޖޮކޮވިޗްގެ ވާހަކައިގައި ފާހަގަކުރިއެވެ.
"އަހަރެން މޮޅުވިޔަސް، ނުވަތަ ބަލިވިޔަސް އަހަރެންގެ ހިތް އަބަދުވެސް ކޯޓަށް ދޫކޮށްލާނަން،" ޖޮކޮވިޗް ބުންޏެވެ.
އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ކުޅެނީ. --ފޮޓޯ: ރޮއިޓާސް
ޖޮކޮވިޗް ވަނީ، އަނެއްކާވެސް ރެކޯޑެއް ހެދުމުގެ ފުރުޞަތު ލިބުމުން އޭނާ އަކީ ނަސީބުވެރިއެއްގެ ގޮތުގައި ސިފަވާ ކަމަށް ބުނެފައެވެ.
މިފަހަރުގެ މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކުރުމާއެކު، ޖޮކޮވިޗަށް ވަނީ 30 އަހަރުން ދޮށީގެ ކުޅުންތެރިންގެ ތެރެއިން ގްރޭންޑް ސްލޭމް ސިންގަލްސް 150 މެޗު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައެވެ.
މީގެއިތުރުން، ޖޮކޮވިޗަށް މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައި، ގްރޭންޑް ސްލޭމް 25 މުބާރާތް ކާމިޔާބުކުރާ ފުރަތަމަ ޓެނިސް ކުޅުންތެރިޔާގެ ރެކޯޑް ވެސް ޤާއިމުކުރުމުގެ ފުރުޞަތު އެބައޮތެވެ.
މުބާރާތުގައި ހަތްވަނަ އަށް ސީޑުކުރެވިފައިވާ، ޖޮކޮވިޗްގެ މިހާރުގެ ކޯޗަކީ، ގްރޭންޑް ސްލޭމް ޓެނިސް ތިން މުބާރާތް ކާމިޔާބުކޮށްފައިވާ އިނގިރޭސިވިލާތުގެ ކުރީގެ ޓެނިސް ކުޅުންތެރިޔާ، އެންޑީ މަރީ އެވެ. ޖޮކޮވިޗަށް ދެން އޮތީ ތިންވަނަ ބުރުގައި ޗެކް ރިޕަބްލިކްގެ ތޯމަސް މަހާކްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.