ENGLISH

19 އޭޕްރީލު 2025

Advertisement

ޑޯޓްމުންޑްގެ މަލެން ވިލާ އަށް

15 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޑޯޓްމުންޑްގެ މަލެން. --ފޮޓޯ: ރޮއިޓާސް

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް، ޑޮންޔެލް މަލެން، އެސްޓަން ވިލާ އަށް ސޮއިކޮށްފިއެވެ.

އުމުރުން 25 އަހަރުގެ މަލެން، ވިލާ އަށް ބަދަލުވެފައިވާކަން އެ ދެ ކުލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އާސެނަލްގެ އެކަޑެމީން ތަމްރީންވި މަލެން، ވިލާ އަށް ބަދަލުވި ޑީލުގެ މާލީ ތަފްޞީލުތައް ހާމަކޮށްފައިނުވި ނަމަވެސް، ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ކުލަބަށް ބަދަލުވީ ގާތްގަނޑަކަށް 20 މިލިއަން ޕައުންޑް (24.36 މިލިއަން އެމެރިކާ ޑޮލަރު) ގެ ޓްރާންސްފަރ ފީ އަކަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ޕީއެސްވީ އެއިންދޯވަން އިން ޑޯޓްމުންޑަށް ބަދަލުވެ، މަލެން ވަނީ 132 މެޗުގައި 39 ލަނޑުޖަހައިފައެވެ. އަދި، ނިމިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމުންޑް ގެންގޮސްދިނުމުގައި ވެސް މަލެން ވަނީ އެހީތެރިވެދީފައެވެ. ފައިނަލްގައި ރެއާލް މެޑްރިޑް އަތުން ޑޯޓްމުންޑް ވަނީ ބަލިވެފައެވެ.

އެހެން ނަމަވެސް، މި ސީޒަނުގައި އިނގިރޭސި ޒުވާން ވިންގް، ޖޭމީ ގިޓެންސް އާއެކު ފުރަތަމަ އެގާރަ އަށް ވާދަކޮށް، ފަހަކަށްއައިސް ގަވާއިދުން ކުޅުމުގެ ފުރުޞަތު ނުލިބި، އެންމެ ރަނގަޅު ފޯމު ދެމެހެއްޓޭގޮތް ނުވުމުން މަލެން ބޭނުންވީ ކުލަބު ބަދަލުކުރުމަށެވެ. އޭނާ ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޑޯޓްމުންޑަށް ފަސް ލަނޑު ޖަހައިދީފައެވެ.                   

ކިޔުންތެރިންގެ ހިޔާލު