ENGLISH

19 އޭޕްރީލު 2025

Advertisement

ޗެލްސީ އާއި ސިޓީ އަށް ވެސް މޮޅެއް ނުވެވުނު

15 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިޓީ ކޮޅަށް ލަނޑުޖެހުމަށް ފަހު ބްރެންޓްފޯޑްގެ ނޯގާޑް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި މެންޗެސްޓަރ ސިޓީ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހިއްޖެއެވެ.

ބްރެންޓްފޯޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ފަހަތުން އަރައި 2-2 އިން ސިޓީއާ އެއްވަރުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި ސިޓީގެ އިނގިރޭސި މިޑްފީލްޑަރު، ފިލް ފޯޑެންގެ ގޯލުން އެ ޓީމު ލީޑު ނެގިއިރު، އޭގެފަހުން މެޗުގެ 78 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ ވެސް ފޯޑެން އެވެ.

ބްރެންޓްފޯޑްގެ ފުރަތަމަ ލަނޑު، 82 ވަނަ މިނެޓުގައި ޔޮއާން ވިއްސަ ކާމިޔާބުކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް އެއްވަރުކޮށްދިނީ ކެޕްޓަން، ކްރިސްޓިއަން ނޯގާޑް ކާމިޔާބުކުރި ގޯލުންނެވެ.

މި ނަތީޖާއާއެކު، ސިޓީ އަދިވެސް އުޅެނީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 21 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ބްރެންޓްފޯޑް އޮތީ 21 މެޗުން ލިބުނު 28 ޕޮއިންޓާއެކު 10 ވަނައިގައެވެ.

ޗެލްސީއާ ބޯންމަތު ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ޗެލްސީން އަމިއްލަ ދަނޑުގައި ބޯންމަތުއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މިއީ ޗެލްސީން ލީގުގައި މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފަސްވަނަ މެޗެވެ.

ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން 13 ވަނަ މިނެޓުގައި ޗެލްސީ އަށް ލީޑު ނަގައިދިނީ ކޯލް ޕާމާ އެވެ. މިއީ ލީގުގައި ޕާމާ ޖެހި 14 ވަނަ ގޯލެވެ. މި ގޯލާއެކު ޗެލްސީން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ބޯންމަތުން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން ޖަސްޓިން ކްލައިވަޓް އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯންމަތުގެ ފޯވާޑް، އެންޓޮއިން ސެމެންޔޯ އަށް ޗެލްސީގެ މިޑްފީލްޑަރު، މޮއިސެސް ކައިސޭޑޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ބޯންމަތުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ސެމެންޔޯ ކާމިޔާބުކުރި ގޯލުންނެވެ. މި ގޯލާއެކު ބޯންމަތު މޮޅުވާން ދަނިކޮށް، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ޗެލްސީ އަށް ޕޮއިންޓެއް ހޯދައިދިނީ ކެޕްޓަން، ރީސް ޖޭމްސް ހިލޭޖެހުމަކުން ވައްދާލި ލަނޑުންނެވެ. މިއީ އަނިޔާގެ ސަބަބުން، މިދިޔަ ނޮވެންބަރު މަހުގެ ފަހުން ލީގުގައި ޖޭމްސް ކުޅުނު ފުރަތަމަ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު