ENGLISH
19 އޭޕްރީލު 2025
މައިންޒް ބަލިކޮށް، ލެވަކޫސަންގެ ރެކޯޑް ދަމަހައްޓައިފި
15 ޖެނުއަރީ 2025
|
މައިންޒްއާ ލެވަކޫސަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
މައިންޒް 1-0 އިން ބަލިކޮށް، ބަޔާ ލެވަކޫސަނުން ޖަރުމަން ލީގުގައި ޖެހިޖެހިގެން ހަތްވަނަ މޮޅު ހޯދައިފިއެވެ.
މި ނަތީޖާއާ އެކު، ލެވަކޫސަން އޮތީ ދެވަނައިގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 39 ޕޮއިންޓެވެ. ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ އެއިންޓްރަކްޓް ފްރެންކްފާޓެވެ.
ލެވަކޫސަންގެ ބޭއެރީނާގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފުލްބެކް، އަލެހަންދްރޯ ގްރިމާލްޑޯ އެވެ. މިއީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ގްރިމާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.
ލެވަކޫސަންގެ ލީޑު ފުޅާކޮށްދޭން ފްލޮރިއަން ވާޓްޒް އާއި ޖެރެމީ ފްރިމްޕޮންގްގެ އިތުރުން ނޭތަން ޓެލާ ފޮނުވާލި ބޯޅަތައް މައިންޒްގެ ގޯލްކީޕަރު، ރޮބިން ޒެންޓްނާ ހުއްޓުވިއެވެ.
މި މެޗުން ބަލިވި މައިންޒް އޮތީ ތާވަލްގެ ފަސްވަނައިގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ހޯލްސްޓެއިން ކިއެލް އަތުން 4-2 އިން ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ބަލިވެފައެވެ.