ENGLISH

19 އޭޕްރީލު 2025

Advertisement

ހަމޭސް، އަހަރެއްގެ ތެރޭގައި ތިންވަނަ ކުލަބަށް

14 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ކޮލަމްބިއާގެ ކެޕްޓަން، ހަމޭސް. --ފޮޓޯ: ގެޓީ އިމޭޖަސް

ކޮލަމްބިއާގެ މިޑްފީލްޑަރު، ހަމޭސް ރޮޑްރިގޭޒް ފްރީ އޭޖެންޓެއްގެ ގޮތުގައި މެކްސިކޯގެ ކުލަބު ލިޔޯން އަށް ބަދަލުވެ، ފީފާ ކުލަބު ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

ކުލަބު ލިޔޯން އަކީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމޭސް ކުޅޭނެ ތިންވަނަ ކުލަބެވެ. 

މިހާރު އުމުރުން 33 އަހަރުގެ ހަމޭސް ވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބްރެޒިލްގެ ސައޮ ޕައުލޯ އަށް ބަދަލުވެ، ހަ މަހުގެ މުއްދަތަށް ކުޅެފައިވާއިރު، އޭގެފަހުން ވަނީ ސްޕެއިނުގެ ރަޔޯ ވަޔެކާނޯ އާއެކު ދެން ޖެހިގެންއައި ހަ މަސް ދުވަސް ހޭދަކޮށްފައެވެ.

މެކްސިިކޯގެ ލީގު ޗެމްޕިއަންކަން 8 ފަހަރު ހޯދާފައިވާ ލިޔޯން އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތެއް ވެސް އަދި މާލީ ތަފްޞީލުތައް ވެސް އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. 

މީގެކުރީން، ސްޕެއިނުގެ ރެއާލް މެޑްރިޑާއި، ބަޔާން މިއުނިކްގެ އިތުރުން އެފްސީ ޕޯޓޯ އަށް ކުޅެފައިވާ ހަމޭސް ވަނީ، ސައޮ ޕައުލޯ އަށް ކުޅުނު މުއްދަތުގައި އެ ޓީމަށް ކުޅެދިން 14 މެޗުގައި އެއް ލަނޑުޖަހައިފައެވެ. އަދި، އޭގެފަހުން ވަޔެކާނޯ އަށް ހަތް މެޗު ކުޅެފައިވެއެވެ.

ލިޔޯން އަކީ ކުރިއަށް އޮތް ކުލަބު ވޯލްޑް ކަޕުން ފުރުޞަތު ލިބިފައިވާ މެކްސިކޯގެ ތިން ކުލަބުގެ ތެރެއިން އެއް ކުލަބެވެ. އެހެންކަމުން، އެ މުބާރާތުގައި އޭނާގެ ކުރީގެ ޓީމު ކަމަށްވާ، ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު އެބައޮތެވެ.

2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑެން ބޫޓް ހާސިލްކުރި ހަމޭސް އަކީ މިހާރު ކުރިއަށްދާ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގައި ހަތަރު އެސިސްޓް އާއެކު އެންމެ ގިނަ އެސިސްޓް ހަދާފައިވާ ކުޅުންތެރިޔާ އެވެ.

ހަމޭސް ވަނީ ކޮަލަމްބިއާ އަށް ކުޅެދިން 112 މެޗުގައި 29 ލަނޑު ޖަހައިދީފައެވެ. މެކްސިކޯގެ ކުލަބު ލިޔޯން އަކީ، އޭނާގެ ކެރިއަރުގައި ކުޅޭނެ 12 ވަނަ ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު