ENGLISH
19 އޭޕްރީލު 2025
ސީޒަން ފެށިއިރު ކުޅުންތެރިން ނުގެންނަން ނިންމި ނިންމުމަކީ ހެދުނު ގޯހެއް: ގާޑިއޯލާ
14 ޖެނުއަރީ 2025
|
ސިޓީގެ ކޯޗު، ގާޑިއޯލާ. --ފޮޓޯ: ގެޓީ އިމޭޖަސް
ނިމިދިޔަ ހޫނު މޫސުމުގައި އާ ކުޅުންތެރިން ނުގެންނަން ނިންމި ނިންމުމަކީ ހެދުނު ގޯހެއް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނީ، އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ސިޓީ ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ސީޒަން ފެށުމުގެ ކުރިން، އެ ކުލަބުން އާ ކުޅުންތެރިން ހޯދުމަށް ވިސްނި ކަމަށާއި، އެކަމަކު އެ ކުޅުންތެރިން ގެނައުމަށް އޭރު އޭނާ ބޭނުންނުވީ ކަމަށް ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ، އޭރު އޭނާ ހީކުރީ މިހާރު ސިޓީގައި އޮތް ސްކޮޑާއެކު ކުރިއެކޭ އެއްގޮތަށް އެކަން ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެ ޓީމަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހުރެ، ބޭނުންވާ އަމާޒަށް ވާސިލްނުވެވުނު ކަމަށް ވެސް ގާޑިއޯލާ ފާހަގަކުރިއެވެ.
"އަހަރެން ހީކުރީ މިހާރު ތިބި ކުޅުންތެރިންނަށް ބަރޯސާވެ، އަނެއްކާވެސް ކާމިޔާބީއަށް ވާސިލްވެވިދާނެ ކަމަށް. އެކަމަކު، އަނިޔާގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެއްޖެ. މިހާރު ހިތަށް އެބަ އަރާ، އޭރު ކުޅުންތެރިން ގެނެވުނުނަމައޭ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ. --ފޮޓޯ: ބީއިންގސްޕޯޓްސް
ލީގުގައި ސިޓީން ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން ތަށި ހޯދުމުގެ ފުރުޞަތު އެ ޓީމަށް ގާތްގަނޑަކަށް ވަނީ ގެއްލިފައެވެ. މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން ސިޓީ ވަނީ ހަ މެޗުން ބަލިވެފައެވެ. މޮޅުވީ އެންމެ 10 މެޗުންނެވެ. މިއާއެކު، އެ ޓީމު މި ވަގުތު އޮތީ ތާވަލްގެ ހަވަނައިގައެވެ. ލީގުގެ އެއްވަނައިގައި އުޅޭ ލިވަޕޫލާއި ސިޓީއާ ދެމެދު މިހާރުވެސް 12 ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ލިވަޕޫލަށް ބާކީ މެޗެއް އެބައޮތެވެ.
މިދިޔަ ހަތަރު ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދި ސިޓީ އަށް މި ފަހަރުގެ ސީޒަނުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، ސްޕެއިނުގެ މިޑްފީލްޑަރު، ރޮޑްރީ އަށް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ. އެންމެ ފަހުގެ ބެލޮންޑިއޯ ހާސިލްކުރި ރޮޑްރީގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މީގެއިތުރުން، އެ ޓީމުގެ ޑިފެންސްގައި ހިމެނޭ ޖޯންސް ސްޓޯންސް އާއި ރުބެން ޑިއާސް އަދި މިޑްފީލްޑްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ، ކެވިން ޑި ބްރޭނާ ވެސް އަނިޔާގެ ސަބަބުން ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ވަނީ ޖެހިފައެވެ.
މި ހުރިހާ ސަބަބުތަކާ ހުރެ، ގާޑިއޯލާ ބުނީ، މި ޖަނަވަރީ މަހުގެ ތެރޭގައި ޓްރާންސްފަރ ބާޒާރުގައި އެ ޓީމުން އިންވެސްޓްކުރަން ޖެހޭނެ ކަމަށެވެ. މިހެން މިކަން ކުރަންޖެހުނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ކުޅުންތެރިން ނުގެނެވި، އަނިޔާގެ މައްސަލަތައް އިތުރުވުމުން ކަމަށާއި، އޭރު ކުޅުންތެރިން ގެނެވުނުނަމަ މިހާރު ކުރިއަށްދާ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ކުޅުންތެރިން ގެނައުމާ މެދު ނުވިސްނާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.