ENGLISH
19 އޭޕްރީލު 2025
އެންބީއޭ: ސްޕާރސް އަތުން ލޭކާސް ބަލިވެއްޖެ
14 ޖެނުއަރީ 2025
|
ލޭކާސްއާ ސްޕާރސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ
އެމެރިކާގެ އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ސަން އެންޓޯނިއޯ ސްޕާރސް އަތުން 126-102 އިން ލޮސް އެންޖެލަސް ލޭކާސް ބަލިވެއްޖެއެވެ.
މިއީ އެމެރިކާގެ ލޮސް އެންޖެލިސްގައި ރޯވެގެން އުޅޭ އަލިފާންގަނޑުގެ ސަބަބުން ދެ މެޗެއް ފަސްކުރެވުނު ފަހުން ލޭކާސްގެ އަމިއްލަ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
ލޮސް އެންޖެލިސްގައި ހުންނަ ކްރިޕްޓޯ.ކޮމް އެރީނާގައި މިއަދު ކުޅުނު މެޗުގެ ދެވަނަ ކުއާޓަރ ފިޔަވައި، އެހެން ހުރިހާ ކުއާޓަރއެއްގައި ލީޑު ކުރަމުންދިޔަ ސްޕާރސް އިން ވަނީ ވަރަށް ގާތުން ވާދަކޮށް، ފުރަތަމަ ކުއާޓަރގައި ދެ ޕޮއިންޓްގެ ފަރަގަކުން 28-26 އިން ކުރިހޯދައިފައެވެ.
ނަމަވެސް، ދެވަނަ ކުއާޓަރގައި ލޭކާސް އިން ވަނީ 11 ޕޮއިންޓުގެ ފަރަގަކުން ކުރިހޯދައި، 62-53 އިން ކުރީގައި އޮވެގެން ހާފު ނިންމާލައިފައެވެ. އެކަމަކު، ދެން ޖެހިގެންއައި ދެ ކުއާޓަރގައި މުޅިއެކު 33 ޕޮއިންޓްގެ ފަރަގަކާއެކު ލީޑުކޮށް، ސްޕާރސް އިން ވަނީ 24 ޕޮއިންޓްގެ ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން ތިންވަނަ ކުއާޓަރގައި 36-27 އިން ލީޑު ކުރިއިރު، އެންމެ ފަހު ކުއާޓަރގައި ވަނީ 37-13 ގެ ތަފާތަކުން ކުރިހޯދާފައެވެ.
މި މެޗުން ސްޕާރސް މޮޅުކޮށްދިނުމުގައި ވިކްޓަ ވެންބަންޔާމާ މުހިއްމު ދައުރެއް އަދާކުރިއެވެ. ވެންބަންޔާމާ ވަނީ 23 ޕޮއިންޓާއެކު، 8 ރީބައުންޑް ނަގައިފައެވެ. މީގެއިތުރުން، އެ ޓީމުގެ ސްޓެފަން ކާސަލް އާއި ޑެވިން ވަސެލް ކުރެން ކޮންމެ ކުޅުންތެރިއަކު 23 ޕޮއިންޓް އެއްކުރިއެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ކްރިސް ޕޯލް ވަނީ 13 ޕޮއިންޓާއެކު، 10 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.
ލޭކާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އެންތަނީ ޑޭވިސް އެވެ. ޑޭވިސް ވަނީ 30 ޕޮއިންޓާއެކު، 13 ރީބައުންޑްނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. ލެބްރޮން ޖޭމްސް ވަނީ 18 ޕޮއިންޓް އެއްކޮށްފައެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގޯލްޑެން ސްޓޭޓް ވޯރިއާސް ވަނީ ޓޮރޮންޓޯ ރެޕްޓާރސް އަތުން 101-104 އިން ބަލިވެފައެވެ. ވޯރިއާސް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ. އެ ޓީމުން ވަނީ މި ފަހަރުގެ އެންބީއޭގެ އެންމެ ފުރަތަމަ 15 މެޗުގެ ތެރެއިން 12 މެޗު ކާމިޔާބުކޮށްފައެވެ. އެކަމަކު، އޭގެފަހުން، ކުޅުނު 24 މެޗުގެ ތެރެއިން ވޯރިއާސް މޮޅުވީ އެންމެ 7 މެޗުންނެވެ.