ENGLISH

03 ޖުލައި 2025

Advertisement

ލިވަޕޫލާއި، ޗެލްސީ އަދި ސިޓީން ފަސޭހަކަމާއެކު މޮޅުވެ ހަތަރުވަނަ ބުރަށް

12 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލާ އެކްރިންގްޓަން ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެ، ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓަރ ސިޓީން އެ މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 އިން އެކްރިންޓަން ސްޓެންލީ އަތުން މޮޅުވެފައެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުގައި ލިވަޕޫލުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހައިފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޑީއޯގޯ ޖޮޓާ، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އާއި ޖޭޑެން ޑޭންސް އަދި ފެޑެރީކޯ ކިއޭސާ އެވެ.

ހަތަރުވަނަ ޑިވިޝަނުގެ މޯކެމްބް އަތުން 5-0 އިން ޗެލްސީ މޮޅުވިއިރު، އެ ޓީމުގެ ޓޮސިން އަޑަރާބިއޮޔޯ އާއި ޖާއޯ ފެލިކްސް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހިއެވެ. ޗެލްސީގެ އަނެއް ލަނޑު ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫ އެވެ.

ސިޓީ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސަލްފޯޑް ސިޓީ ބަލިކޮށްފައެވެ. މި މެޗުގައި ސިޓީގެ ޖޭމްސް މެކަޓީ ހެޓްރިކެއް ހެދިއިރު، ޖެރެމީ ޑޮކޫ ދެ ލަނޑު ޖެހިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޑިވިން މުބާމާ، ނިކޯ އޯ'ރެއިލީ އާއި ޖެކް ގްރީލިޝް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނޮޓިންގހަމް ފޮރެސްޓުން ވަނީ އެ ޓީމުގެ ދަނޑުގައި 2-0 އިން ލޫޓަން ޓައުން ބަލިކޮށްފައެވެ. ޕްލައިމަތު އަތުން އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް 1-0 އިން ބަލިވިއިރު، ނޯވިޗް ސިޓީގެ ދަނޑުގައި އެ ޓީމު އަތުން ބްރައިޓަން މޮޅުވީ 4-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު