ENGLISH
19 އޭޕްރީލު 2025
ނޭމާ ގެނައުމުގެ ޤާބިލްކަމެއް އަހަރެމެންގެ ނެތް: މަޝެރާނޯ
10 ޖެނުއަރީ 2025
|
އިންޓަރ މިއާމީގެ ކޯޗު، މަޝެރާނޯ. --ފޮޓޯ: ގެޓީ އިމޭޖަސް
ސަޢޫދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ބްރެޒިލް ތަރި، ނޭމާ ގެނައުމުގެ ޤާބިލްކަން އެމެރިކާގެ މޭޖާ ލީގު ސޮކާގެ އިންޓަރ މިއާމީގެ ނެތް ކަމަށް އެ ކުލަބުގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނެފިއެވެ.
ދާދިފަހުން އިންޓަރ މިއާމީގެ ކޯޗުގެ މަގާމާ ހަވާލުވި މަޝެރާނޯ މިހެން ބުނެފައިމިވަނީ، އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އާއި އުރުގުއޭގެ ލެޖެންޑަރީ ފޯވާޑް، ލުއިސް ސުއަރޭޒް އާއެކު އަނެއްކާވެސް ކުޅެލުމަކީ އަޖައިބުކުރަނިވި، ޤަބޫލުކުރަން ދަތި ކަމަކަށް ވާނެ ކަމަށް ވަރަށް ފަހުން ނޭމާ ދިން އިންޓަރވިއުއެއްގައި ބުނެފައިވަނިކޮށެވެ.
މަޝެރާނޯ ބުނީ، އެމްއެލްއެސްގެ މުސާރައިގެ އޮނިގަނޑު އޮތް ގޮތުން ނޭމާ ފަދަ ކުޅުންތެރިއަކު ގެނައުމަކީ މިއާމީ އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދެކުނު އެމެރިކާ ބައްރުގައި ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ ތިން ޤައުމު ކަމަށްވާ، ބްރެޒިލާއި އާޖެންޓީނާ އަދި އުރުގުއޭ އަށް ނިސްބަތްވާ މި ތިން ކުޅުންތެރިން އެކުގައި ބާސެލޯނާ އަށް 2014 އިން ފެށިގެން 2017 ގެ ނިޔަލަށް ކުޅުނު ދުވަސްވަރު، އެ ތިން ކުޅުންތެރިންގެ ނަމުގެ އަކުރުތައް ބޭނުންކޮށްގެން އެ ފޯވާޑްލައިނަކަށް ކުރުކޮށް 'އެމްއެސްއެން' ވަނީ ކިޔާފައެވެ.
ބާސެލޯނާ އާއެކު މެސީ، ނޭމާ އަދި ސުއަރޭޒް އެއްކޮށް ހޭދަކުރި ދުވަސްވަރު މި ތިން ކުޅުންތެރިން އެކުލެވިގެންވާ ފޯވާޑްލައިން ވެފައިވަނީ އޭރުގެ އެންމެ ނުރައްކާތެރި އެޓޭކިންގ ކުޅުންތެރިންނަށެވެ. މިއާމީގެ މިހާރުގެ ކޯޗު، މަޝެރާނޯ ވަނީ އޭރު މި ތިން ކުޅުންތެރިންނާއެކު އެ ޓީމަށް ކުޅެފައެވެ.
މެސީ (ކ)، ނޭމާ (މ) އަދި ސުއަރޭޒް (ވ) ބާސެލޯނާ އަށް ލަނޑެއްޖަހައިދިނުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ބާސެލޯނާ
"އަހަރެމެންނަށް ނޭމާގެ ވާހަކަދެއްކޭކަށް ނެތް. އެއީ ކުރެވޭނެ ކަމެއް ނޫން," އެމްއެލްއެސްގެ މީޑިއާ ޑޭ ގައި ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުންޏެވެ.
މަޝެރާނޯ ބުނީ، ނޭމާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި، ދުނިޔޭގެ ކޮންމެ ކޯޗަކު ވެސް ނޭމާ ފަދަ ކުޅުންތެރިއަކު އެ ޓީމެއްގައި ބަހައްޓަން ބޭނުންވާނެ ކަމަށެވެ. އެކަމަކު، އެމްއެލްއެސްގެ މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން މި ވަގުތު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މަޝެރާނޯ ވަނީ ބުނެފައެވެ.
ކުރިން، ބާސެލޯނާގެ އިތުރުން ޕީއެސްޖީ އަށް ކުޅެފައިވާ ނޭމާ، ސަޢޫދީ ޢަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. އެކަމަކު، އަނިޔާގެ އެކި މައްސަލަތަކާ ގުޅިގެން އަލް ހިލާލްގެ ގިނަ މެޗުތަކެއް ގެއްލިފައިވާއިރު، ނޭމާ މިހާތަނަށް އެ ޓީމަށް ކުޅެފައިވަނީ އެންމެ ހަތް މެޗެވެ.
ނޭމާ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނު އަނިޔާއަކާ ގުޅިގެން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި، އޭސީއެލް ސާޖަރީ އަށް ފަހު، އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ކުޅުމަށް އެނބުރިއައިސް އަނެއްކާވެސް މިދިޔަ ނޮވެންބަރު މަހު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މިވަގުތު ހުރީ ކުޅުމާ ދުރުގައެވެ.