ENGLISH
01 ސެޕްޓެމްބަރު 2025
ފަހު މެޗުގައި އިންޑިއާ ބަލިކޮށް، ޓެސްޓް ސީރީޒް ވެސް އޮސްޓްރޭލިއާ އަށް
05 ޖެނުއަރީ 2025
|
އޮސްޓްރޭލިއާގެ ކުޅުންތެރިން ބޯޑަރު-ގަވަސްކަރް ޓްރޮފީ އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް
ބޯޑަރު-ގަވަސްކަރް ޓްރޮފީގެ ފަސްވަނަ ޓެސްޓްގައި ހަ ވިކެޓުން އިންޑިއާ ބަލިކޮށް، އޮސްޓްރޭލިއާ އިން ސީރީޒް ވެސް ކާމިޔާބުކޮށްފިއެވެ.
މި ސީރީޒްގެ އެންމެ ފަހު ދެ މެޗު ކާމިޔާބުކޮށް، އޮސްޓްރޭލިއާ އިން ސީރީޒް ކާމިޔާބުކުރީ 3-1 އިންނެވެ.
ސިޑްނީގައި ކުޅުނު ފަސްވަނަ މެޗުގެ ޓޮސް ދިމާވުމުން އިންޑިއާ އިން ކުޅެން އަރައި، 72.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 185 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ 40 ލަނޑު ހެދި ވިކެޓްކީޕަރު ބެޓްސްމަން، ރިޝަބް ޕަންތު އެވެ.
މި އިނިންގްސްގައި އޮސްޓްރޭލިއާ އިން އެންމެ ރަނގަޅަށް އުކީ ސްކޮޓް ބޯލަންޑް ހަތަރު ވިކެޓް ނެގިއިރު، މިޗޭލް ސްޓާކް ވަނީ ތިން ވިކެޓް ނަގައިފައެވެ. މީގެއިތުރުން، އެ ޓީމުގެ ކެޕްޓަން، ޕެޓް ކަމިންސް ވެސް ދެ ވިކެޓް ނެގިއެވެ.
އޮސްޓްރޭލިއާގެ ފުރަތަމަ އިނިންގްސްގައި 51 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ 181 ލަނޑަށެވެ. އެންމެ ރަނގަޅަށް ކުޅުނު ވެބްސްޓަރ 57 ލަނޑު ހެދިއިރު، ސްޓީވެން ސްމިތު ނުބައިވީ 33 ލަނޑަށެވެ. އިންޑިއާ އިން އެންމެ ރަނގަޅަށް އުކީ މުޙައްމަދު ސިރާޖް އާއި ޕްރަސިދް ކްރިޝްނާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއެވެ.
އިންޑިއާގެ ޖަދޭޖާ (ވ) ނުބައިކޮށްލުމަށްފަހު އޮސްޓްރޭލިއާގެ ކެޕްޓަން، ކަމިންސް (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިންޑިއާގެ ދެވަނަ އިނިންގްސްގައި އެންމެ ރަނގަޅަށް ކުޅުން ކުރިއަށް ނުގެންދެވި 39.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 157 ލަނޑަށެވެ. މީގެތެރެއިން، އެ ޓީމުގެ ފަހު ފަސް ވިކެޓް ގެއްލުނީ އެންމެ 33 ލަނޑަށެވެ. ދެވަނަ އިނިންގްސްގައި ވެސް އިންޑިއާ އިން އެންމެ ރަނގަޅަށް ކުޅުނީ ރިޝަބް ޕަންތު އެވެ. އޭނާ ވަނީ 33 ބޯޅައިން 61 ލަނޑު ހަދައިފައެވެ.
އޮސްޓްރޭލިއާގެ އުކުންތެރިންގެ ތެރެއިން، ސްކޮޓް ބޯލަންޑް ހަ ވިކެޓް ނެގިއިރު، ކެޕްޓަން ކަމިންސް ތިން ވިކެޓްނެގިއެވެ.
މެޗުގެ ފަހު އިނިންގްސްގައި އޮސްޓްރޭލިއާ އިން މޮޅުވެގެން ފޭބީ، ކަނޑައެޅިފައިވާ 162 ލަނޑުގެ ޓާގެޓް 27 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ފުރިހަމަ ކޮށްގެންނެވެ. އެންމެ ރަނގަޅަށް ކުޅުނު އުސްމާން ހަވާޖާ 41 ލަނޑު ހެދިއިރު، ވެބްސްޓަރ ވަނީ ނުބައިނުވެ 34 ބޯޅައިން 39 ލަނޑު ހަދައިފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް އޮސްޓްރޭލިއާގެ އުކުންތެރިޔާ، ސްކޮޓް ބޯލަންޑް ހޮވުނުއިރު، ސީރީޒްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުޅިއެކު 32 ވިކެޓް ނެގި އިންޑިއާގެ އުކުންތެރިޔާ، ޖަސްޕްރީތު ބުމްރާ އެވެ.