ENGLISH
18 އޭޕްރީލު 2025
ބްރެންޓްފޯޑް ބަލިކޮށް އާސެނަލް ދެވަނަ އަށް
02 ޖެނުއަރީ 2025
|
ބްރެންޓްފޯޑާ އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 3-1 އިން ބްރެންޓްފޯޑް ބަލިކޮށް އާސެނަލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
މި ނަތީޖާއާ އެކު އާސެނަލް ވަނީ އެއްވަނައިގައި އުޅޭ ލިވަޕޫލާ ހަ ޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 18 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އާސެނަލް އޮތީ އެއް މެޗު އިތުރަށް ކުޅެގެން 39 ޕޮއިންޓާއެކު އެވެ. ދެ ޕޮއިންޓް ފަހަތުން ތިންވަނައިގައި ނޮޓިންގހަމް ފޮރެސްޓް އޮތްއިރު، ޗެލްސީ އޮތީ 19 މެޗުން ހޯދީ 39 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
ބްރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 13 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ކުރި ފުރަތަމަ އެޓޭކުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަޔަން އެމްބުއެމޯ އެވެ.
އާސެނަލުން އެއްވަރުކުރި ލަނޑު، 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް، ގެބްރިއެލް ޖެސޫސް އެވެ. މިއީ އާސެނަލަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ޖެސޫސް ޖެހި ހަވަނަ ގޯލެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން އާސެނަލަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު، މިކޭލް މެރީނޯ އެވެ. އަދި، އޭގެ ތިން މިނެޓު ފަހުން، އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ގެބްރިއެލް މާޓިނެލީ އެވެ.
މި މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ 12 ވަނައިގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
މި މުބާރާތުގައި އާސެނަލް ދެން ކުޅޭ މެޗުގައި މި މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ރަށުން ބޭރުގައި ބްރެންޓްފޯޑް ބައްދަލުކުރާނީ ސައުތެމްޓަނާ އެވެ.