ENGLISH
18 އޭޕްރީލު 2025
ސިފައިންނާއި އެޗްޑީސީ ތިންވަނަ މެޗުން ވެސް މޮޅުވެއްޖެ
02 ޖެނުއަރީ 2025
|
މުބާރާތުގައި ސިފައިން ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އަމަން ލަތީފު / އެމްއެމް
ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު މެޗުތަކުން ކުލަބު އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކުލަބު މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކުލަބު ވަނީ 3-1 ސެޓުން ޕޮލިސް ކުލަބު ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-14 އިން ސިފައިންެ ގެންގޮސްފައިވަނިކޮށް، ޕޮލިހުން ވަނީ ދެވަނަ ސެޓު 25-22 އިން ކުރިހޯދައި، ނަތީޖާ 1-1 އަށް ބަދަލު ކޮށްލާފައެވެ. ދެން ކުޅުނު ތިންވަނަ ސެޓުން 25-13 އަދި ހަތަރުވަނަ ސެޓު 25-12 އިން ކުރިހޯދައި، ސިފައިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރައްޒާން އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި އެޗްޑީސީން ވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް އަތުން މޮޅުވެފައެވެ.
މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ، 25-23، 25-15، އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޑީސީގެ މުބައްޝަރު ރަޒާ އެވެ.
ޤައުމީ ވޮލީ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެޗްޑީސީ އާއި ސިފައިން ތާވަލްގެ އެއްވަނައިގައި އުޅޭއިރު، ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވާނީ މި ދެ ޓީމުގެ ކުރިމަތިލުމަށް ފަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެ އެވެ.