ENGLISH
18 އޭޕްރީލު 2025
ރެއާލަށް އާނޯލްޑް ނުވިއްކާނެ ކަމަށް ލިވަޕޫލުން ބުނެފި
01 ޖެނުއަރީ 2025
|
ލިވަޕޫލްގެ ވައިސް ކެޕްޓަން، އާނޯލްޑް. --ފޮޓޯ: ގެޓީ އިމޭޖަސް
މި އަހަރުގެ ޖަނަވަރީ މަހުގެ ޓްރާންސްފާރ ބާޒާރުގައި އިނގިރޭސި ފުލްބެކް، ޓްރެންޓް އެލެޒްޒެންޑާ-އާނޯލްޑް، ސްޕެއިނުގެ ރެއާލް މެޑްރިޑަށް ވިއްކާލެވެން ނެތް ކަމަށް ލިވަޕޫލުން ބުނެފިއެވެ.
އުމުރުން 26 އަހަރުގެ އާނޯލްޑް ގެނައުމަށް ރެއާލުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، ރަސްމީކޮށް އެ ކުލަބުން ލިވަޕޫލާ އެކު މަޝްވަރާތައް ބާއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން، ލިވަޕޫލުން ވަނީ ޖެނުއަރީ މަހު އޭނާ ދޫކޮށްލުމާ ބެހޭގޮތުން މަޝްވަރާކުރުމަށް އެއްވެސް ޝައުޤުވެރިކަމެއް ނެތްކަން ސާފުކޮށް އަންގާފައެވެ.
ރެއާލުން އާނޯލްޑް ހޯދުމުގެ މަސައްކަތް ފެށީ، ސީޒަނުގެ ކުރީކޮޅު އެ ޓީމުގެ ތަޖުރިބާކާރު ފުލްބެކް، ޑަނީ ކާވަހާލް އަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެންނެވެ. ސްޕެއިނަށް ޔޫރޯ ކާމިޔާބުކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ކާވަހާލްގެ ކަކުލުގެ އޭސީއެލް އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ނުކުޅެވޭނެ އެވެ. މިއާއެކު، ރެއާލުން ޤަބޫލުކުރާ ގޮތުގައި އާނޯލްޑް އަކީ އެ މަޤާމަށް އެންމެ އެކަށޭނަ ކުޅުންތެރިޔާ ކަމަށް ޚަބަރުތައް ބުނެއެވެ.
އާނޯލްޑްގެ ޓްރާންސްފާއާ ގުޅޭގޮތުން، ސްޕެއިނުގެ ބައެއް ނޫސްތަކުން ބުނާގޮތުން، ރެއާލާ ގުޅެން ބޭނުންވާކަން އާނޯލްޑް ވަނީ ލިވަޕޫލަށް އަންގާފައެވެ. އެކަމަކު، އެ ވާހަކަތައް ލިވަޕޫލުން ދޮގު ކުރެއެވެ. އަދި، އާނޯލްޑްގެ އިތުރުން އެ ޓީމުގެ ކެޕްޓަން، ވާޖިލް ވެން ޑައިކާއި މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހުގެ ކޮންޓްރެކްޓާ ގުޅޭގޮތުން ލިވަޕޫލުން ވަނީ ހުރިހާ ބާރެއް އޮތީ އެ ކުޅުންތެރިންގެ އަތުގައި ކަމަށް ބުނެފައެވެ.
އާނޯލްޑް، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކުލަބާއެކު އައު ކޮންޓްރެކްޓެއްގައި ސޮއި ކުރުމާމެދު އެއްބަސްވުމަކަށް ނާދެވެއެވެ. މިކަމުގައި ލިވަޕޫލުން އާނޯލްޑް އާއެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުއްމީދު ކުރެއެވެ. އެކަމަކު، މި މަހުގެ ތެރޭގައި އިނގިރޭސި ނޫން އެހެން ކުލަބުތަކާއެކު އާނޯލްޑް އަށް ޓްރާންސްފާގެ މަޝްވަރާތައް ބޭއްވޭނެ އެވެ.
އެހެންނަމަވެސް، މިވަގުތު ބޮޑެތި ހުރިހާ މުބާރާތެއްގައި ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލުން ސީޒަނުގެ މެދުތެރޭގައި ޓީމުގެ ވައިސް ކެޕްޓަން، އާނޯލްޑް ފަދަ މުހިއްމު ކުޅުންތެރިއަކު ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ.
މިހާރުގެ ކޯޗު، އާނެ ސްލޮޓް އާ އެކު ލިވަޕޫލުން މިދިޔަ އަހަރު ނިންމާލީ ވެސް ބޮޑު ލީޑަކާއެކު ލީގުގެ އެއްވަނައިގައި އޮވެގެންނެވެ. މީގެއިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަ މެޗަށް ފަހު ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ލީގު ފިޔަވަހީގެ ބުރުގެ އެންމެ ކުރީގަ އުޅެނީ ވެސް އެ ޓީމެވެ.
ލިވަޕޫލްގެ ޒުވާން އުމުރު ފުރާގެ އެކި ޓީމުތަކަށް ކުޅެފައިވާ އާނޯލްޑް ވަނީ އެ ކުލަބުގެ ސީނިއާ ޓީމަށް 300 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި، އިނގިރޭސި ގައުމީ ޓީމަށް ވެސް މިހާތަނަށް ކުޅުނު 33 މެޗުގައި ހަތަރު ލަނޑު ޖަހައިފައިވެއެވެ.