ENGLISH
18 އޭޕްރީލު 2025
އޮލްމޯ ރަޖިސްޓްރީ ކުރުމުގައި ބާސާ އަށް ކުރިއެރުމެއް ނުލިބޭ
01 ޖެނުއަރީ 2025
|
ސްޕެއިނުގެ މިޑްފީލްޑަރު، އޮލްމޯ. --ފޮޓޯ: ރޮއިޓާސް
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު، ޑަނީ އޮލްމޯގެ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތުގައި އެ ކުލަބަށް ކުރިއެރުމެއް ލިބިފައިވާނުވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން، ސްޕެނިޝް ލީގުގެ މާލީ ޤަވާއިދުތަކާއި މުސާރައިގެ މިންގަނޑަށް ނުފެތޭތީވެ، ސީޒަނުގެ ބާކީ އޮތް ބައިގައި ބާސެލޯނާ އަށް އޮލްމޯ ރަޖިސްޓްރީނުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މީޑިއާ ހަބަރުތައް ބުނެއެވެ.
މި މައްސަލައިގައި ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އޮލްމޯ ރަޖިސްޓްރީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އަލިމަގެއް ހޯދިފައިނުވުމުން މި ކުޅުންތެރިޔާ ބެހެއްޓުމުގައި ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
އޮލްމޯގެ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ލަލީގާއިން ބުނީ، ލީގުގެ ޤަވާއިދުތަކުގައި ވާގޮތުގެ މަތީން، ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އޮލްމޯ ރަޖިސްޓްރީ ކުރުމަށް ދިން މުއްދަތު މި މަހުގެ 2 ވަނަ ދުވަހު ހަމަވާން ކައިރިވެފައިވާއިރު، ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ކުލަބުގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށެވެ.
މި ކަމާ ގުޅޭގޮތުން ދާދިފަހުން ބާސެލޯނާ އިން ވަނީ، އޮލްމޯގެ އިތުރުން ޕައު ވިކްޓަރ އެ ކުލަބުގެ ކުޅުންތެރިންގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ލައިސަންސް ހޯދުމަށް ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) ގެ ކިބައިން އެދިފައެވެ.